Untitled-32
 އެކިކުލަކުލައިން ތަފާތު ގޮތްގޮތަށް ކުރެހުންބައެއް އަޅާފައިވާ ހެދުމެއްގައި، ކަޅުކުލައިގެ ހުދު ތިކި ޖެހި ބުރުގަލެއް އޮޅާލައިގެން ރޯޒީ އިނީ ކުރިމަތީގައި އޮތް ނޫކަނޑާއި ދިމަ ބަލަހައްޓައިގެންނެވެ. މޫނުމަތިން ފެންނަނީ ހައިރާންކަމަކަށް ގެއްލިފައިވާ މަންޒަރެވެ. ކުރިމަތިން ހިނގަމުންދާ ކަމެއްގެ ކުންނުގެ އިންތިޒާރުގައި އިންނަހެން ޒޫމްކޮށްލުމުން ސިފަވެއެވެ. ގޮނޑުދޮށެއްގެ ގުންޑޮޅިން ތިރީގައި ރަޅުފެންފަށަށް ދާނުދާހިސާބުގައި ސާފު ދޮންވެލިގަނޑު މަތީގައި ކަކުލުގައި ދެއަތުން ހިފަހައްޓާލައިގެން އިށީންދެ އިނދެ ނަގާފައިވާ ފޮޓޯއަކީ ތަފާތު ފޮޓޯއެކެވެ. ތަފާތު މާނައެއް ދޭހަކުރުވާ، ހާލަތާއި މުނާސިބު ތަސްވީރެކެވެ.
ރޯޒީ އާއި މެދު ވިސްނާލެވޭ ކޮންމެފަހަރަކު އައިކީ ހިތަށްއެރުމަކީ އަހަރެންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދެމީހުންގެ މިޒާޖުގައި އެއްވެސް ތަފާތެއް ނެތުމަކީ ހިތަށް ލިބޭ ފިނިކަމެކެވެ. ވާހަކަދެއްކުމުގައި ހުންނަ ތޫލިކަމާއި، ދައްކާ ވާހަކައިގައި ހުންނަ ސާދަކާމާއި، މަޖާކަމާއި، ދައްކާ ވަހާކައަށް ސަމާލުކަން ދޭމިންވަރާއި އަޅާލާ މިންވަރަކީ އެދެމީހުންނަށްވެސް އެއްވަރަކަށް ލިބިފައިވާ އަހަރެން އެންމެ ގަޔާވާ ސިފައެވެ. އެހެން ނަމަވެސް ރޯޒީ އާއި އައިކީ އާއިދެމެދު ތަފާތެއްވެޔެވެ. އެތަފާތާއި މެދު ފުންކޮށް ވިސްނާލުމުން ތަފާތު ދައްކައިދެނީ ތަފާތު އިހުސާސަކުންނެވެ. ދެވެނު ޚާއްސަކަމެއްގެ ތެރެއިން އިހުތިޔާރުން ބޭރުން ނިކުމެގެން ދިޔަ އާދަޔާ ޚިލާފް ބާރުގަދަ “ކަނު” ލޯތްބަކާއި، ޒާތެއްގެ ހަމްދަރުދީއަކާއި އެކު ލޯތްބެއް ވެވިދާނެކަމުގެ ބިރުއޮތް ޚާއްސަ ބައިވެރިއެއްގެ ތަފާތެވެ. ނިމުމެއް ނެތް އިންތިޒާރަކާއި ނިމެންއުޅޭ އިންތިޒާރެއްގެ ތަފާތެވެ.
 
އިޖުތިމާޢީ ވިއުގައިގަ ހުރި ވަސީލަތްތަކުން ދެމީހުން ވާހަކަދައްކާ އަދި ތަސްވީރުތަކުން ދެކެފަރިތަ ވިޔަސް ފުރަތަމަ ފަހަރަށް ކުރިމައްޗަށް އަރާފައި އަހަރެން އަމަލު ކުރާނީ ކިހިނެއްހެޔެވެ. އަހަރެން ބޭނުންވީ ތަފާތެއް ނުދައްކާށެވެ، ހިތުގެ އެންމެ ފުނުގައިވާ އަމިއްލަ އުދާސްތައް އެހެން މީހުންނަށް ފޮރުވާފައި އުފާވެރި މީހެއްގެ ގޮތުގައި ހިޔާލެއް ފިކުރެތް ނެތި މަޖަލުގައި ޗެޓްކުރަމުން ދިޔަ ގޮތަށް ރޯޒީ އާއި ކުރިމަތި ލުމަކީ އަހަރެންނަށް ނުވާނެ ކަމެއް ނޫނެވެ. އަހަރެންގެ ވާހަކަތަކުގެ މިސްރާބު ބަހައްޓަން ބޭނުންވީ ކުރިންވެސް ބަހައްޓަމުންއައި ފަދައިން އަޑުއަހާ މީހާއަށް ވާނުވާ ނޭގޭ ދަރަޖައިގެ ތެރޭގައެވެ. އެހެނަސް ރޯޒީ އަހަރެންނާއި ބައްދަލު ކުރާނީ އާދައިގެ ވިސްނުމަކު ނޫނެވެ، ރޯޒީއަކީ ޗީޕް މީހެއް ނޫނެވެ، އެއަށްވުރެ އަބުއި މީހެކެވެ.
ސައިކަލް މަޑުކޮށްލުމާއި އެކު ރޯޒީ ހިންގައިގަތީ ފަރި ހިނގުމެއްގައެވެ. ކޮޅުބެދިފައިވާ ގޯޅިގެ ތެރެއިން ރޯޒީ ހިނގާފައި އައިއިރު އަހަރެންނަށް އިނދެވުނީ ނަސީމީ ގޯޅީގެ ޓްރެފިކް ފްލޯ ހުއްޓުވާލައިގެންނެވެ. ދަތްކުނޑިވިކާފައި އޮތް ކާރެއްގެ “ނޮޅިން” ހަންދާވަރަށް ބަރުގޮނު އަޅަމުންދާކަން ރޭކާލީ ރޯޒީ އައިސް ސައިކަލަށް އެރުމުންނެވެ. ރޯޒީ އައިސް ފަހަތުގައި އިށީނުމާއިއެކު މުއްގަނޑަށް އަނބުރަލާފައި ރޯޒީ ގެންގޮސް ބެހެއްޓީ އިއްޒުއްދީނު ފާލަންމަތީގައެވެ. ފާލަމުގައި ދިއްލާފައި ހުރި ފަނޑު ރީތި ބޮކިތަކުގެ އަލިން ރޯޒީގެ މޫނުގެ ވިދުންވެސް ވަނީ ގަދަވެފައެވެ. އަހަރެން ރޯޒީ އާއި ދިމަ ބަލާލުމުން ރަކި ހިނިތުންވުމަކުން އުފާވެލިއެވެ، އަދި ރަކިވެފައި މޫނުފޮރުވުމަށްޓަކައި  ރޯޒީ ބަލަލީ ކަޅުއޮއްފުންމި އާއި ދިމާލަށެވެ.

” މިއީ އަސްލެއް ނޫން، އަސްލާއި އެއްގޮތެއްވެސް ނޫން، ކިހިނެތް އެމީހުންނަށް އެނގޭނީ އޭތި އޮތް ގޮތެއް” ފާލަން ކައިރީ ދެއަތަށް ހެލިލަ ހެލިލާ އޮތް ދޯންޏައި ދިމާއަށް ބަލަމުން ރޯޒީގެ ތުއި އަޑުން ވާހަކަ ފެށިއެވެ.
“ހޫމް ހިނގާ އަވަހަށް ދާން ފޭކް އެއްޗެހި ގިނަވާނެ”
“ދޯ އަސްލުވެ” ރޯޒީ އަހަރެންނާއި ބައިވެރިވިއެވެ.
ރޯޒީބޭނުންވަނީ ދުއްވާށެވެ. އަހަރެން ބޭނުންވަނީ ވިސްނާށެވެ. އެކަމަކު އެކުގައި ވަގުތު ހޭދަކުރުމަކީ ދެމީހުންވެސް ބޭނުންވިގޮތެވެ.
ސުނާމީ ބިނާ ހުރިތަނުގައި އަހަރެން މަޑުކޮށްލީ ރޯޒީ އާއިއެކު ވަގުތު ހޭދަކުރާށެވެ. މަޑުމޮޅިކަމާއި އެކު ނެގިމަޑުވެފައިވާ ރޯޒީގެ ހިތުގައި އެވަގުތު އޮތީ ކޮންއެއްޗެއް ކަމެއް އަހަރެންނަކަށް ނޭގެއެވެ.  އަހަރެން ފާރުބުރިމަތީގައި އިށީނުމުން ހަށަންބަދެގެން ކޮޅަށް ހުރި ރޯޒީގެ ހަށިގަނޑު ކުރިމަތިލީ އިރުމަތީ ފަރާތަށެވެ. އިރުމަތީ އުދަރެހުން އަރައިގެން އައިސް ހުޅެވި ހަނދު ކައިވަތެއް މަތީގައި ހުއްޓިފައިވާއިރު އެއާއި ދިމަބަލަހައްޓައިގެން ހުރި ރޯޒީގެ ހިތްއެދެނީ އަހަރެން ވާހަކަދެއްކުމަށެވެ.
“ހަނދުވަރު ދިނަސް ހަނދެއް ނެތޭ” އަހަރެން ރޯޒީ ހެއްވާލީމެވެ.
 
މިހެން ބުނުމާއި އެކު ރޯޒީގެ އަޑު ފަޅައިގެން ދިޔައެވެ. ރިތީ ހިނިތުންވުމަކާއި އެކު އިއްވާލި ތޫލި ހިނިގަނޑުގެ އަސަރު މޫނުމަތީގައި އެތަކެއް އިރަކު ހުއްޓެވެ. ބުރުގާ އޮޅާލާފައިވާ ގޮތުން މޫނުގެ ބައްޓަމުގައިވަނީ ސާދާ އަންހެންކަމެވެ. ހީލީމަ ކޮލުގައި އިންނަ ހިނދިކޮޅާއި ލޮލުގައިވާ އަސަރުން ފިރިހެނެއްގެ ހިތަށް އެންމެ ފުންމިނުން އަސަރުކުރުވާނެއެވެ. އެއަސަރުތަކާއި އެކު މިލަވެފައިވާ ކަނޑާއި ދިމަބަލަހައްޓައިގެން އިނދެ އަހަރެންނަށް ފުންމާލެވުނީ އާހިޔާލެއްގެ ތެރެއަށެވެ. ރޯޒީ ބަހައްޓާފައެވެ.
ކުރިން ފެތި ކަނޑުގައި ފެތުމަކީ އަހަންނަށް އަދިވެސް ކުރެވިދާނެ ކަމެކެވެ. އަހަރެން ގައިގާ ހުރި އެހިތްވަރަށް އަހަރެން އަމިއްލައަށް ފަހުރުވެރިވަމެވެ. ނަމަވެސް އެކަމަށް އޮތް ހުރަހަކީ ވަގުތެވެ. އިންޕޮސިބަލް ކަމެއް ޕޮސިބަލް ކުރުމަކީ އަހަރެންގެ ހޮބީއެވެ. އެކަންކަމުގައި ކޮޅެއްމެދެއް ނުފެނި ހޭދަވާ ވަގުތު ގިނަވިޔަސް، ޓްރައިލްސް އެންޑް އެރާސްގެ ކަނޑުގައި ފަތަފަތާހުއްޓައި ލިބޭ ކާމިޔާބީގެ ފޮނިކަން މާބޮޑެވެ. ނަމަވެސް މިއަދު ވަގުތު މިވަނީ އެކަމަށް ގޮންޖަހާފައެވެ.
އިންތިޒާރެއްގެ ނިމުން އުފާވެރި ފަތިހަކާއި އެކު ކޮލަމްބޯ ތެރެއަށް ފައްދާލުމަށްފަހު ދެންވީ ކަމެއް ހިތަށް ގެނެވުމެއް ނެތެވެ. މިހާރު މިއޮތީ އެހެންތަނަކަށް އާދެވިފައެވެ. ނަމަވެސް އައިކީ ނުނިމެވެ. އަހަރެންކައިރީގައި މިހާރު ހުރީ ރޯޒީއެވެ. ވަގުތު ތަންދެނީ ރޯޒީއަށެވެ. އައިކީ އަކަށް ނޫނެވެ.
އެހެން ހިތަށް އެރިތަނާ ރޯޒީ އަހަރެންގެ ކަކުލުގައި އަތުންޖަހާލިއެވެ. ސިހުމުގެ ބަދަލުގައި އަހަރެންގެ ދަތްދޮޅީގައި ވިދިފައިވާ އަތް ނައްޓާލީމެވެ.
“ހިނގާ ގެއެއަށް ދާން”
ރޯޒީ ހަމަޖެހިލާފައި ބުނިކަމުގައި ވިއަސް ޝަކުވާގެ ރަނގަބީލެއް ހިތުތެރޭގައި ޖެހެމުންދާކަން އިހުސާސް ކުރެވުނެވެ.
“ދާންވީދޯ، އަސްލު އަހަރެން ވަރަށް ތަފާތު ދޯ، ވަރަށް ބަސްމަދު”
އަހަރެން ކުރި ސުވާލަށް ރޯޒީ ބުނީ ނޫނެކޭ އެވެ. ފުރަތަމަ ފަހަރުވީމާ ވެދާނެ ކަމެއް ކަމަށް ވެސް ރޯޒީ ބުންޏެވެ.
 
” މާދަންރޭ ފުރުމުގެ ކުރިން އަހަރެން ދޭނަން ސަޕްރައިޒް އެއް”
ރޯޒީގެ ސަޕްރައިޒްގެ ވާހަކަ ބުނުމާއި އެކު ޖައްވުގައިވާ ފްރެކުއެންސީ އައި އަހަރެންގެ ލޭގެ ހިނގުމާއި ފުށޫ އަރުވާލިއެވެ.
“ތިހެން ބުނުންވެސް ތީ ސަޕްރައިޒް އެއް”
މިހެން ބުނުފައި ވާތްފަރާތު ލޯގަނޑު ރޯޒީގެ މޫނަށް ފޯކަސް ކޮށްލީމެވެ. ސައިކަލްގެ ފަހަތުގައި އިން ރޯޒީ ހިނިތުންވުމަކާއި އެކު މިޔަކަން ދަމާލުމުގެ ބަދަލުގައި ތުންބައްދައިގެން ތުންކޮޅު އޫކޮށްފައި ޑަކު ފޭސްއެއް ޖައްސާ ފޮނިވެފައި އިން ވައްތަރު ދައްކާލިއެވެ.
ޕާރުސަލް ހިފައިގެން ބާގާރކިންގު ތެރޭގައި އަހަރެން އިނީ ރޯޒީ ފުރަންދެނެވެ. ތިމަންނާ ފުރީމާ ނޫނީ ކަނޑައިގެން ނުވާނެ އޭ ކިޔާފައި އަހަރެންގެ އަތަށް ޕާރުސަލް ދީފައި ޓޮރޮލީ ދަމަމުން ރޯޒީ ވަނީ ޗެކިން އަށެވެ. ވިސާ މައްސަލަ ޖެހިގެން ކުރީފަހަރެއްގައިވެސް އިމިގްރޭޝަނުން ފުރިޔަނުދީ ފޮނުވާލި ވާހަކަ ބުނެފައި އޮތުމުން އިރުގަނޑެއް ވަންދެން އެތާގައި އަހަރެން އިނީ ރޯޒީ ނައްޓާލަންދެންނެވެ. ރޯޒީ ދިން “ސަޕްރައިޒް” ޕާރުސަލް ކަނޑަން އަހަރެން މިހުރީ ކެތް މަދުވެފައެވެ. ޕާރުސަލް މަތީގައި އޮތް މޯބައިލް ފޯނަށް އައި ލޮޅުމުގެ ވައިބްރޭޝަނަކީ ރޯޒީގެ މެސެޖެވެ.
 
“ކޮންތާކު؟،  މިހާރު އޯކޭ ވެއްޖެ ފަލައިޓަށް އަރަނީ”
އާއްމު އުސޫލާއި އެއްގޮތަށް އަހަރެންގެ ޖަވާބު ފޮނުވީ ހެވް އަ ސޭފް ޖާނީ ޖަހާފައެވެ.
ޑެލިވަރީ ނުވަނީސް އައީ އެހެން މެސެޖެކެވެ.
 
“އަސްލު ތީކީ ނޫން އިނގޭ ސަޕްރައިޒް، ސަޕްރައިރަޒް ދޭން ނުކެރުނީ، ވަރަށް ހިތްވަރުކުރިން އެކަމު ނުކެރުނު”
ރޯޒީގެ ދެވަނަ މެސެޖާއި އެކު އަހަރެން ހިތަށް އެރިއެވެ. އެހެން ވެއްޖެއްޔާ ރޯޒީގެ ސަޕްރައިޒް އަކީ ބަހަކުން ބުނެލުމެވެ. ހިތުގައި އޮތް އެއްޗެއް ހާމަ ކުރުމެވެ. ނުވަތަ އާއެކޭ ނުވަތަ ނޫނެކޭ ބުނަން ޖެހޭ ފަދަ ބަންދު ސުވާލެއް ހިތަށް ނާރާ ހުއްޓައި އަހަންނާއި ކުރިމަތި ކުރުމެވެ. ނުވަތަ އަހަރެންނާއި ދިމާއަށް އެއްޗެހި ކިޔާލާފައި އެކުވެރިކަމުގެ ޚާއްސަ ގުޅުން ކަނޑާލުމެވެ.
އަހަރެން ރިޕްލައި ކުރީ ވަރަށް ލޯބިންނެވެ.
“އަޅޭ ސަޕްރައިޒް ދިންނަމަ، އަހަރެން ހީކުރީ ރޯޒީއަށް ކުރަން ނުކެރޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް” ރޯޒީ އަށް އަހަރެން އިތުބާރު ހޯދައިދިނީމެވެ.

ރޯޒީގެ ހިތުގައި ފޮރުވިފައިވާ ހަޤީޤަތް ހޯދުމަށް އިތުބަރު ހޯދައިދިނުމުގެ ގޮތުން އަހަރެން ކުރިމެސެޖަށް ރިޕްލައި ނައިސް އިންތިޒާރުގައި އިންދައި، އެންމެ ފަހުން ރޯޒީ ދޫކޮށްލި ތީރު އައިސް އަހަރެންގެ ފޯންގެ ސްކްރީން ޕޮއަޕް ކޮށްލީ ހިމޭންކަމުގެ ސުކޫތަކާއި އެކުއެވެ. އޭގައިވާ ޖުމްލައަށް ބަލަހައްޓައިގެން އިނދެވުނީ ރޯޒީއަށް ހަމްދަރުދީ އޮއްސަމުންނެވެ. ފެންކަޅިވެވުނީ އަމިއްލަ ތަޖުރިބާއަކަށް ބަލާފައި ރޯޒީ ދެރަވާނެ މިންވަރު ހިތަށް އަރާފައެވެ. ތަފާތަކީ ދެވިފައިވާ ޖާގައިގެ މިންވަރެވެ. ފޮތި ކުރެވިފައިވާ ފޮތި ކުރުމެވެ. ކަނެއްގެ މިންވަރު ރޯޒީއަށް ލިބިފައި ހިތުގެ ބާކީބައި އައިކީއަށް ލިބިފައިވާކަން އެނގިއްޖެނަމަ އެއީ ރޯޒީ ހިތުގައި ޖެހޭނެ އެންމެބޮޑު ލައްގަނޑެވެ.

ރޯޒީ ފޮނުވި “އައި ލަވް ޔޫ” މެސެޖަށް އިރުގަނޑެއް ފަހުން އަހަރެންނަށް ފޮނުވުނު ޖަވާބަކީ “ތޭންކްސް” އެވެ.
ޖަވާބުގައި އަހަރެން ފޮނުވި މެސެޖް ޑެލިވަރީ ވުމުގެ ކުރިން ފޯން ނިންވާލާފައި ރޯޒީ އުދުހިގެން އެދިޔައީ މާދުރަށެވެ. ޔަޤީނުންވެސް ޓޭކްއޮފް ކުރުމާއި މެދު ލިބުނު ކުޑަ ވަގުތުކޮޅުގައި ރޯޒީ އަހަރެންގެ ޖަވާބަށް އިންތިޒާރު ކުރާނެއެވެ. އައިކީގެ މައްޗަށް އޮތް ތެދުވެރި ކަމެއްގެ ސަބަބުން ރޯޒީ ބޭނުން ނުވާނެ މެސެޖެއް ނުދިއުމަކީވެސް އޭގެ ޒާތުގައި ހެޔޮފާލެކެވެ. ރޯޒީވެސް ބޭނުންވާނީ “އާނ އަހަރެންވެސް ލޯބި ވޭ” އަހަރެންގެ ދުލުން ބުންނާށެވެ. އެހެނަސް އައިކީގެ އަސަރު ލޭގައި ހުއްޓައި އެހެން މީހަކާއި ދިމާއަށް އެހެން ބުނަން ހާސް އަހަރުވެސް ނަގާފާނެއެވެ.
 
ޙާއްސަ ފޮޓޯ އައި މެދު ވިސްނާލުމުން ތަސްވީރު ބުނެދެނީ ދިޔަވަރު ފޫދިގެން އައިސް  ރޯޒީގެ އުނގަށް ލޮނުގުޅައެއް ޖެހިއަސް ރޯޒީ އެއިނީ އުދަރެހުން ފެންނާނެ އުފާވެރިކަމެއްގެ އިންތިޒާރުގައި ކަމެވެ. ނަމަވެސް އުދަރެސްތައް ވިލައިން ބެދިފައިވާއިރު މޮޅީގެ ސާލެއް އޮޅައިގެން ވަޔާއި އިދިކޮޅަށް އަހަރެން މިކުރަނީ ނުނިމުނު ދަތުރެއްކަން ރޯޒީއަށް ނޭގެއެވެ. ފައްސިޔައަށް ދީލާލުމަކީ ފިނޑިންގެ ކަމެކެވެ.