Ikey2Bediting
އައިކީ އަކީ ކޮބާހެއްޔެވެ. ހަޤީޤަތުގައިވެސް އައިކީއެއް ވޭހެއްޔެވެ. މިއީ ގިނަބައެއްގެ ހިތުގައި އެފެދިފައިވާ ބޮޑު ސުވާލެވެ. 2013 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު “އައިކީ” ކިޔާ މީހެއް ކަނުލޯތްބާއި އެކު ވުޖޫދުވެގެން އައިސް 2014 ވަނަ އަހަރުގެ އެންމެ ފަހު ފަތިހު އައިކީގެ ކަންތައް ނިމިގެން ދިޔައިރު މިސުވާލާއި އެތަކެއް ފަހަރުވަނީ ކުރިމަތިލާން ޖެހިފައެވެ.
 
އައިކީގެ ވާހަކަތަކާއި ހަޤީޤީ ދިރިއުޅުމާއި އޮންނަ ގުޅުން
އައިކީ ސީރީޒްގެ ތަފާތު 8 ވާހަކަ ތަފާތު ނަންނަމުގައި ގެނެސްދެވިފައިވާއިރު، ގެނެސްދެވިފައިވަނީ އެއްވާހަކަ އަނެއް ވާހަކައާއި ގުޅިލާމެހިގެން ހާދިޘާތައް އަންނަ ގޮތަށެވެ. އެންމެ ވާހަކައެއް ފިޔަވައި ދެން ހުރި ހުރިހާ ވާހަކައެއްވެސް ހުށަހަޅާދެވިފައިވަނީ ފުރަތަމަ މީހާގެ ނަޒަރު (ފަސްޓް ޕާރސަން ނެރޭޓިވް) ގައި ކަމަށްވަތީ، އަމިއްލަ ހަޔާތާއި ގުޅުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އައިކީ އާއި މެދު ސަމާލުކަން ހުއްޓި އައިކީ އާއި މެދު ވިސްނެން ފެށީ ދަތުރެއްގެ ތެރޭގައި ކުރެވުނު މުއާމަލާތްތަކުގެ ތެރެއިންނެވެ. އެންމެ ފަހުން އާޚިރުގައި ނޭގުމެއްގެ ތެރޭގައި ލޯބިވެވި ކަނު ލޯތްބެއްގެ ގޮތުގައި ސިފަވެގެން ދިޔައެވެ.
 
ލޯބީގެ ވޭނާއި އުފަލާއި ކެކުޅުންތައް ތަހައްމަލު ކުރުމަށް ދޫކޮށްލުމަށްފަހު އައިކީ އެހެންމީހެއްގެ އުނގުގެ ހިޔާވަހިކަމުގެ ތެރެއަށް ވަދަގެން ދިޔައީ އަންގާވެސް ނުލައެވެ. އެހެންކަމުން ޒަވާޖީ ހަޔާތެއް އަހަރެންވެސް ފެށީމެވެ. ނަމަވެސް އަހަރެންގެ ސަބަބުން އައިކީގެ ދިރިއުޅުން ހަލާކުވެ އެކަނިވެރިވުމުން، މިއީ ނިމުމެއް ނުވާ ދަތުރެއްކަން އެނގިގެން ދިޔައެވެ. އެންމެ ފަހުން އައިކީގެ ހިޔަނީގައި އަނެއްކާވެސް ޖެހި އަހަރެން ފެށި ޒަވާޖީ ހަޔާތް ކަފުންވެގެން ދިޔައެވެ.
 
އެންމެފަހުން ދެހަޔާތް ދޭތެރޭގައި އެތަކެއް ދުވަހު ފެތުމަށްފަހު ދެމީހުންވެސް އެންމެ ބޭނުންވާގޮތަށް ދެމީހުން ގުޅިގެން ކުރި އާދަޔާއި ޚިލާފް ކައިވެންޏާއި އެކުއެވެ. އެފަތިހުގެ ނިމުމާއި އެކު އައު ކަމަޅިމަތީ ހަޔާތަށް އަލިވިލިގެން ދިޔައީ އުފާވެރިކަމާއި އެކުއެވެ.
 
މިވާހަކަތަކުގެ ޒަރިއްޔާއިން އަޅުގަނޑު ދޭން ބޭނުންވި މެސެޖަކީ މީހުން މީހުންދެކެ ލޯބިވަނީ ހަމައެކަނި ރީތިވެގެން ނޫންކަމެވެ، އަދި ހިތައް ނާރައި ހުއްޓާވެސް މީހަކު ދެކެ ލޯބިވެވިދާނެއެވެ. ހެޔޮ ނިޔަތެއްގައި ކުރެވޭ މުއާމަލާތަކުން، ނުވަތަ އެމުއަމަލާތް ދިގު ދެމިގެންދާ ގޮތަކުން، ހިތުގައި އުފެދޭ ހަމްދަރުދީއަކުންވެސް ލޯތްބެއް ނިކުމެގެން ހިނގައިދާނެކެމެވެ.
 
ދައްކަން ބޭނުންވި ޢިބުރަތަކީ ނާއުމިއްދަށް ގޮންޖަހާ އުއްމީދު އާކުރުމަކީ އެންމެ ރަނގަޅު ގޮތްކަމެވެ. ދިރިއުޅުމަކީ ނޭގިހުއްޓާވެސް ފުށުން ޖެހިގެންދާނެ ކަމެއްކަމެވެ. ދިމާވާ ބޮޑަތިކަންކަމުން ހިތްވަރު ނޭލޭފަދަ އަޒުމެއް ހިތުގައި އޮވެއްޖެނަމަ އެއަޒުމުގައިވާ ހަޤީޤަތާއި ކުރިމަތިލާން ޖެހޭދުވަހު ފަހަތަށް ނުދިޔުމެވެ. ބޭނުންވާ ކާމިޔާބީ ހާޞިލު ކުރުމުގައި ހާސްއަހަރުވެސް ނަގާފާނެކެމެވެ. މިފަދަ މިޝަނެއްގައި އާޚިރުގައި ހިނުތުންވުމެއް ލިބޭއިރު އައިމަގުމަތީގައި ބަޔަކަށް ހިތާމަތަކެއްވެސް ދޭން ޖެހިދާނެކަމެވެ.
މިއީ ހަޤީޤީވަހަކަތަކެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލެވެ. ފަހަރެއްގައި މިވާހަކަތަކުގައި ވާ ހާދިޘާތަކާއި އެއްގޮތް ކަންތައްތަކެއް ދުނިޔެމަތީގައި މީހަކާއި ކުރިމަތިވެފައި ހުރުމަކީ އެކަށީގެންވާކަމެކެވެ. ހަމަ އެފަދައިން އަޅުގަނޑުގެ ހަޔާތުން ކުޑަކުޑަ ތަންކޮޅަކާއިވެސް މީގެތެރެއިން ހާދިޘާއެއް މިވާހަކަތައް ލިޔުމުގެ ފަހުން ނުވަތަ ކުރިންވެސް އެއްގޮތްވެފައި ވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެހެން ވެއްޖެ ނަމަ އެއީ އިއްތިފާގެކެވެ.
ހަޤީޤަތުގައިވެސް އައިކީއެއް ވޭހެއްޔެވެ.
ހަޤީޤަތުގައިވެސް އައިކީ ވާނެއެވެ. ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްގައި ދަންޑަހިލްގެ ނަމުގައި އަޅުގަނޑު ލިޔުނު ވާހަކައަކަށް އާދަޔާއި ޚިލާފް ކޮމެންޓެއް މީހަކު ކުރިއެވެ. އަޅުގަނޑުގެ އަމިއްލަ ޒާތީ ދިރިއުޅުމާއި ބެހިފައި ލިޔެފައިވާ އެކޮމެންޓް ލިޔުނު މީހާގެ ނަމަކަށް އޮތީ “އައިކީ” އެވެ.
ކޮންމެޓް ކޮންމެ ގޮތަކަށް އޮތަސް އެއީ ރީތި ނަމަކެވެ. އެއީ ވަނަމެއްކަމަކު އެމީހަކު ވާނެކަން ކަށަވަރެވެ. އެހެންކަމުން “ކަނު ލޯބި” މިވާހަކައާއި އެކު އައިކީގެ ވާހަކަ ފެށިގެން ދިޔައެވެ. 8 ވާހަކައެއްގައި އައިކީ އާއި އެކު ހޭދަކުރުމަށްފަހު “ފަތިހެއްގެ ނިމުން” އައިސް އައިކީގެ ކަންތައް ނިމިގެން ދިޔައިރު ހަޤީޤީ އައިކީއެއް ވަނީ ހިތުގައި ވަޒަންވެރިވެފައެވެ. ފަހާ ބޭރުކޮށްނުލެވޭހާ ބާރުގަދަކޮށެވެ. އުޅުމާއި ގުޅުމަށް ބަލާއިރު ކުރެވޭނީ ޝައްކެކެވެ، ދުވާނީ ވަހެކެވެ، ފެންނާނީ މަންޒަރެކެވެ، ނުވަތަ ދެވޭނީ އެހެންތަނަކަށެވެ. ހަޤީޤީ އައިކީ މިއޮތީއޭ ބުނެ އިނގިލި ދިއްކޮށްލަން އެނގޭނީ އެއްއަތުގެ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ، ނަމަވެސް އެމީހުންވެސް އިނގިލި ދިއްކޮށްލަނީ ޝައްކެއްމަތީގައެވެ. އެހެން ކަމުން އެކަކަށްވެސް ޔަޤީނެއްނުވެއެވެ. ނަމަވެސް ހަޤީޤީ އައިކީވެސް ވާނެއެވެ. އެކަމަކު އެހެން ތަނެއްގައެވެ.