Untitled-31-2
ފޭސްބުކްގައި ޕޯސްޓްކޮށްލި ފޮޓޯއެކެވެ. އެތެރެ ފެންނަ ގޮތަށް ދަގަނޑު ތޭރި ޖަހާފައި ހުޅުވާފައި ހުރި ގޭޓްގެ ތެރެއިން ބާގީޗާއެއްގައި މާތަށް ފޮޅިފައި ހުއްޓެވެ. އެފޮޓޯގައި ކަނުން ކަނަށްވާގޮތަށް އަރިހުރަހަށް އިބާރާތް ކޮޅެއް އިނެވެ.
” ތިބާ ކޮންމެ ވަގުތަކު ވަންނަން އަޔަސް އަމާން ކަމާއިއެކު ވަނުމުގެ ފުރުސަތު އެބައޮތެވެ.”
އެއަށް ކޮމެންޓް ކުރަނީ ކާކުތޯބަލަން ފޯނު ހިފައިގެން އޮށޯވެ އޮއްވާ ރައްޓެހިންތައް ލައިކް ދޭން ފަށައިފިއެވެ. ހީކުރިގޮތަށް ފޯނަށް އައީ މެސެޖެކެވެ.
“ތިގޭޓްތެރެއަށް ވަނުމުގެ ޗާންސް އަހަރެންނަށް އެބައޮތް ހެއްޔެވެ.”
ހިތުގެ އެދުން އިއްވާލަން ލިބުން ޗާންސާއި އެކު އަހަރެން ޖަވާބު ފޮނުވީމެވެ. އަހަރެން ލިޔުނީމެވެ. ތީ އަހަރެންނަށް ނޭގި ފުރަގަހުން ވަދެ ހުރި މީހެކެވެ. ނިކުމެގެން ނުދާނެގޮތަށެވެ.
އައިކީގެ ޖަވާބުގައި އައީ “ހެހެ ތޭންކްސް” މިގޮތަށެވެ.
އެއީ މީގެ ހަ އަހަރު ކުރީގެ ހަނދާނެކެވެ.
ހައަހަރު ކުރީގެ ހަނދާނެއް ރިވިއުކުރަމުން ކައިވެނީގެ އިންތިޒާރުގައި އެއާޕޯރޓެއްގައި މަޑުކޮށްލައިގެން އަހަރެން މިހުރީ ހަމަޔަޤީނުންވެސް ސާބިތުކަމާއި އެކުއެވެ.
ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދުނިޔެ ކުޑަކޮށް ވައްކުބުރަކަށް ހަދާފައި އޮތް ޒަމާނެއްގައި ކަންކަން ސިއްރިޔާތުގައި ކުރުމަކީ ނާދިރުކަމެވެ. ފަޅާއަރައިފިކަން އަހަރެންނަށް އެނގުނީ އައްމަޑޭ ގުޅުމުންނެވެ.  ދަންވަރު ފްލައިޓް ނައްޓާލި ފަހުން ފަޅާއެރިކަން އެއީ ނަސީބެކެވެ. އެހެން ނޫންނަމަ މުޅި ޕްލޭން ފްލޮޕް ވީއެވެ. އައްމަޑޭގެ ވާހަކައިން އައިކީ ފުރައިފިކަން އަހަރެންނަށް ޔަޤީންވިއެވެ. އަދި އެގޭ މީހުން މިކަމާއި ނުރުހުން ފާޅުކޮށް މަރުވެ ޝަހީދުވަމުންދާކަން ދެމީހުންނާއިވެސް ގުޅިފައިވާ އެކިއެކި ރައްޓެހިން  ފޭސްބުކަށް އިންބޮކްސް ކޮށްލާ މެސެޖްތަކުން ހާމަވަމުން ދެއެވެ. އަވަހަށް އަހަރެންގެ ސަލާމަތް އަހަރެން ހޯދީމެވެ.
އަދި ހީކުރިވަރަށްވުރެން ކަންކަން ގޯހުން ގޯހަށް ގޮސްފިކަން ހާމަވެގެން ދިޔައީ ކޮއްކޮގެ ވައިބަރ ކޯލާއި އެކުއެވެ. އެއީ މަންމަކަން ކަށަވަރެވެ. ފޯން ނެގީމެވެ.
” ތިޔަކަހަލަ ކަންކަން ކުރަން ހެޔޮ ނުވާނެ، މަންމައަށް ހެޔޮ ކޮންމެ މީހަކާއި އިނަސް، އެކަމު ކަންކުރަން އުޅޭ ގޮތް ކަމުނުދަނީ، ތިޔައަށްވުރެ ސުލުހަކޮށް ތިކަންތައް ކުރެވިދާނެ” މަންމަ ފޯނުގައި ހުރެ އަމުނާލި އެއްޗެއްސަށް އަހަރެން ދިނީ ފިނި ޖަވާބެކެވެ.
” ސުލުހަކޮށް ނުވެގެން މިހިސާބަށް އަންނަން މިޖެހުނީ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، އެހަށް ބާއްވަނީ  އަޑު އަންނަނީ ކެނޑި ކެނޑިގެން އަހަރެން މިހިރަ ތަނަށް ތްރީޖީ ރަނގަޅަކަށް ނުލިބޭ”
މިހެން ބުނެފައި އަހަރެން ފޯން ކަނޑަލީމެވެ.
ބަނޑާރަނައިކެ އިންޓަރނޭޝަނަލް އެއާރޕޯޓަކީ ދިވެހިން ދޯޅުތަނެކެވެ. ކޮލަމްބޯއަކީ ދިވެހިންގެ ހާއްޔެކެވެ. ދެކޮޅުންވެސް  އައިސްފާނެ ހަމަލާއަކަށް އަހަރެން ފުރިހަމައަށް ތައްޔާރުވީމެވެ. ހެޔޮވަރުވަރަކަށް ލާރި ލިބޭތީ ކަންކަން އިންތިޒާމްކޮށްލުމަކީ އަހަރެންނަށް އުނދަގޫ ކަމަކަށް ނުވިއެވެ.
މިކަމަށް ހުރަސްއަޅަން އައިކީގެ އާއިލާއިން މިކޮޅުންވެސް ބަޔަކު ނެރެގެން އުޅޭކަމަށް އަހަރެންގެ ސާވައިލަންސް މައުލޫމާތު ބުނެފިއެވެ. އެކަމަކު ގޯހެއް ނެތެވެ. ކޮންމެ ގޮންޖެހުމަކާއި ވެސް ކުރިމަތިލާން މިހުރީ ތައްޔާރަށެވެ. މަރުވެ ޝަހީދުވެގެންވެސް މިކަމަށް ފަހިވާނެ ހުރިހާ މަގެއް ކޮށައިގެންނެވެ.
ހިތް ނުތަނަވަސް ވަނީ ފޯންނަށް އަންނަ މެސެޖުތަކުންނެވެ. ގާތްތިމާގެ މީހުންގެ ތެރެއިން ބަސްކިޔާ އިހުތިރާމް ލިބިގެންވާ މީހުންގެ ބައެއް މެސެޖުތަކުން މާޔޫސްކަން ގެނުވައެވެ. ބައްޕައަކަށްވާން ޖެހޭ އުމުރަށް އެޅުނު އިރުވެސް އަހަރެން އަދިވެސް އެމީހުންގެ ކުރިމަތީގައި އިސްދަށަށް ޖަހަމެވެ. ފާޅުގައި ކަންކަމާއި ދެކޮޅު ހެދުމަކީ ކެރި ކުޅަދާނަ ކަމެއް ނޫނެވެ.
އަނެއްކާވެސް ކޯލެކެވެ. މިފަހަރު ބައްޕައެވެ. ގުޅާލީ ސީދާ ލައިނުންނެވެ.
” މިފަހަރު ތްރީޖީއެއް ނުކެނޑޭނެ، ކޮންތާކު ތިހުރީ” ބައްޕަ މިހެން ބުނި ގޮތުން ހުރީ ހިތްނަމަ ނުޖެހިފައިކަން އެނގުނެވެ. މަންމަގެ ބަހާއި ބައްޕަގެ ބަހާއި ތަފާތެވެ. މަންމައަށް ކަމު ނުދިޔައީ ކަންކުރާ ގޮތެވެ. ބައްޕަ އަށް ކަމުނުދިޔައީ ކައިވެނިކުރާ ކުއްޖާގެ އާއިލާއެވެ.
” އަނެއްކާ އަނެތް ޑްރާމާކުޅެލަން ތިއުޅެނީ، ބައްޕައަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ހަމަޖެހުމެއް ލިބިދާނެހެނެއް، ފާތުންނާއި އިނދެގެން ދަރިފުޅަށް އުޅެވުނީކީ ނޫން، އަދި މިހާރު ދަރިފުޅާ އިންނަން ތިޔަކުއްޖާގެ އާއިލަ ނުގަބޫލުއިރުގައި ރަނގަޅު ދިރިއުޅުމެއް ލިބޭނީ ކިހިނެތްކަމެއް ނޭގޭ”
މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމާއި އެކު އަހަރެން ބައްޕަކައިރީގައި ބުނީމެވެ. ބައްޕާއެވެ. އަހަރެން މިވަގުތު މިތާގައި މިހުރީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އަޒުމުގައެވެ. މަތިން އުދުހިފައި އައިކީ އެއަންނަނީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައެވެ. އެފަދަ ގުރުބާނީއެއް އޭނާވެސް އަދި އަހަރެންވެސް މިވަނީ ހަމަމަގަށް ދިޔުމުގެ ނިޔަތުގައެވެ. ފާތުންނަކީ މާޒީއެވެ. ފާތުންނާއި ގުޅުނުއިރުވެސް އައިކީ އަކީ އުފަންވެފައިވާ ސަބަބެކެވެ. އެހެންކަމުން އެކައިވެނި ރޫޅިގެން ދިޔައީ އައިކީގެ ސަބަބުންކަން ބައްޕައަށްވެސް އެނގޭނެއެވެ. ހަމަ އެފަދައިން އައިކީގެ ފިރިމީހާވެސް އައިކީ ދޫކޮށްލީ އަހަރެންގެ ސަބަބުންނެވެ.  އެހެން ކަމުން މިއަދު މިކަންކުރުމުގެ ފުރުސަތު އަހަރެމެން ދެމީހުންނަށް އޮންނަޖެހެއެވެ. އިރާދަކުރެވިއްޔާ ރަނގަޅުވާނެއެވެ.
ފޯން ބޭއްވުނު އިރު ފޮށި ދަމަމުން އެރައިވަލް ތެރެއިން އައިކީ އަންނަނީއެވެ. އަހަންނަށްވުރެ ކުރިން އައިކީ ކައިރިއަށް ދެފިރިހެނަކާއި އަންހެނަކު ހުއްޓި ވާހަކަ ދައްކަން ފަށައިފިއެވެ. އެތަނުން އެކަކު ވައްތަރީ ލަންކާ ފިރިހެނަކާއެވެ. ދެންހުރި ފިރިހެނަކީ ދިވެއްސެކެވެ. ހުރަސް ރޮނގުދެމި ޓީޝާޓެއްލާފައި ހުރި މިމީހައަކީ ބައްޕަމެން އުމުރުގެ މީހެކެވެ. ދިވެހި އަންހެން މީހާ ހުރީ ހެޔޮވަރުވަރަކަށް މޭކަޕްކޮށްލާފައި ރޫޖެއްސި ބުރުގާއެއް އޮޅައިގެންނެވެ. ޒުވާންކަމަށް ދައުވާކުރާ ވައްތަރުގެ ދެބައި އުމުރުގެ މީހެކެވެ. ބަލާމެލުމަށް އެއީ ދެމަފިރިންހެން ހީވެއެވެ.
އަހަރެން އެތަނަށް ކައިރިވިއިރު އެމީހުން އެދެނީ އައިކީ އެމީހުންނާއި އެކު ދިޔުމަށެވެ. އަންހެމީހާގެ ފޯނުން ފޯއްމުލަކު ބަހުން ވާހަކަ ދައްކަމުންދަނީ އައިކީގެ މަންމައާއި ކަން އަހަރެންނަށް އެނގުނެވެ. އައިކީ އަތަށް ފޯނު ދިނުމުން އޭގާ ހިފަން އިންކާރު ކުރިއެވެ. އަހަރެން ބުނީމެވެ.
“ހިނގާދާން”
މިހެން ބުނުމުން އައިކީ ހިނގައިގަތީ އަހަރެންނާއި އެކުއެވެ. އަހެރެން އައިކީގެ ފޮއްޓާއި ހަވާލުވީމެވެ. ކާރާއި ހިސާބަށް ނުދެވި އުޅެނިކޮށް ދެފުލުހުން އައިސް އަހަރެމެން ހިފެހެއްޓިއެވެ. އެމީހުން ބުނަނީ ނުދެވޭނެ ކަމަށެވެ. އެވަގުތު އަހަރެންގެ އަތުން ދުރަށް އިޝާރާތްކޮށްފައި ހަމަޖެހުމަށް ބުނީމެވެ. ފުލުހުންނަށް ނޭގޭގޮތަށެވެ. ފުލުހުންގެ ފަހަތުގައި އައިކީގެ މަންމަ ފޮނުވި ދެމީހުންނާއި އެމީހުންނާއި އެކު އައި ލަންކާމީހާވެސް ހުއްޓެވެ. އާއިލީ ގޮތުން އައިކީ އާއި ގުޅުންހުރި އެއްވެސް މީހަކު މިތާކު ނެތެވެ. އަހަރެންގެ ބަހަނާއަކީ އައިކީއަށް ބޭނުންތާކަށް ދިޔުމުގެ ފުރުސަތު އޮންނަ ޖެހޭނެކަމަށް ބުނުމެވެ. ފުލުހުން ގޮތްދޫނުކޮށް އެމީހުންނާއި އެކު އައިކީ ގެންދަން ނިންމިއެވެ.
އެވަގުތު އައިކީގެ ލޮލުން ކަރުނަ އޮހިގަތްތަން ބަލަން އަހަރެންނަކަށް ކެތެއް ނުވިއެވެ. އަހަރެންގެ ޗޮއިސް އަކީ ޕްލޭން ބީއެވެ. އަހަރެން ކުރީ އެންމެ ކޯލެވެ. މިސަކަރާތްގަނޑު ތެރޭގައި ގަޑިން ފަތިހު 4 ޖެހީއެވެ. އަހަރެންގެ މަޤުސަދަކަށްވީ ބަހަނާ ދައްކައިގެން ޑިލޭކުރުމެވެ. އޭނައެހެރީ ބަނޑުހައި ވެފައޭ އަހަރެން ބުނީމެވެ. އަހަރެން އޭނައަށް ކާންދޭނަމެވެ. ކައިނިމުނީމާ ގެންދިއަޔަސް އަހަރެންނަށް ހެވޭ ބުނީމެވެ. އެވަގުތު އައިކީ ދެލޯ ބޮޑު ކޮށްލިއެވެ.
އަހަރެން ކުރި ކޯލްގެ އަސަރު އެމީހުންނާއި ހިސާބަށްކުރީ ފަންސަވީސް މިނެޓް ފަހުންނެވެ. އެތަނަށް އައި އެހެން ސީނިއާ ފުލުހަކު އެދެމީހުންނާއި ވާހަކަ ދެއްކުމަށްފަހު އަހަރެންނާއި އެކު އައިކީ ދިޔުމަށް ނިންމިއެވެ.
ކާރަށް އެރުމަށްފަހު ބާރު ސްޕީޑްގައި އަހަރެން ދުއްވަން ފެށީމެވެ. އެދިޔަ ގޮތަށްގޮސް ބައިގަޑިއިރު ނުވަނީސް ގަލާދާރު ހޮޓާ ކުރިމަތީގައި ކާރު މަޑުކުރީމެވެ. މަޑުކޮށްލުމާއި އެކު ނަސީމު އައިގޮތަށް އައިސް ބިއްލޫރި ތިރިކޮށްފައިހުރި ކާރުގެ ދޮރުން ބޯދިއްކޮށްލާފައި ބުންޏެވެ.
“ހާދަ ލަސްވީ، ގޯސްވީ ދޯ އަހަރެން ބުނީމެއްނުން ތްރެޓެއް އެބަ އުޅެޔޭ،  މިހާރު މިކޮޅުން ހުރިހާކަމެއްވެސް ރެޑީވެފައި، ދާގޮތަށްގޮސް ކުރަންވީ ލަސްކުރާނެކަމެއް ނެތް”
އެއާޕޯޓުން ފެށިގެން ހޮޓަލާއި ހިސާބަށް ފަހަތުން ވިއްދާފައި އައި ތިންކާރު އައިސް މަޑުކުރީ އަހަރެމެންގެ ފުލުގައެވެ. އެކަމާއި ހެދި ކާރުން ފޭބުމަށް އައިކީ ދެކޮޅު ހެދިއެވެ. އަހަރެން ބުނީމެވެ. ދޫނީއެވެ. ދޫންޏަކަށް ގެއްލުމެއް ނެތެވެ. އެއީ ހައްތާވެސް އަހަރެންގެ މީހުންނެވެ. އެއާރޕޯޓު ތެރޭގައި ދެތިން ކެނަ އައިސް ހުރަސް އެޅިޔަސް މިތަނުގައި އޮތީ އަމާންކަމެވެ. މީ ލަންކާއެވެ.
ހޮޓަލުގެތެރޭގައި ހުރި މާލަމުގައި ކައިވެނިކޮށް ނިމިގެން ދިޔައީ އުފާވެރިކަމާއި އެކުއެވެ. ނިވިފައިވާ ފޯނަށް ނުރުހުމުގެ ކޯލްތައް އިތުރަށް އަންނާނެ ފުރުސަތެއް ނެތެވެ. ކައިވެނިކޮށް ނިމިގެން ހަމަޖެހިފައިވާ ރޫމަށް ދެމީހުން ވަދެގެން ދިޔައީ ހިނިތުންވުމާއި އުފަލާއި އެކުއެވެ.
އަލިވިލެމުންދާ ފަތިހުގެ ފުސްކަން ފޮތިގަނޑު ކަހާފައިވާ ކުޑަދޮރުން ފެންނަމުން ދިޔައިރު ދިޔަ ގޮތަށްގޮސް އެނދުހުރަހަށް އުޑުތިލަމަތިން އޮށޯތީ ހަމަޖެހުމުގެ ފުންނޭވާ އާއި އެކުއެވެ. ދިލަ ހޫނު ދުވަހަކަށްފަހު ހަޔާތަށް އައި ކަޅު ރޭގަނޑެވެ. އެއަށްފަހު އައި ފިނި ފަތިހެވެ. އެފަތިހުގެ ނިމުމަކީ ހިތުގައި ވަޒަންވެރިތާ 6 އަހަރުން ފަހުން އައިކީ އައިސް އަހަރެންގެ ގައިމަތީގައި އޮށޯތުމެވެ.  އެއީ ތަރީޚީ ވަގުތެވެ. ޖަޒްބާތުތައް އުތުރި އަރައިގެން ދިޔަ އުފާވެރި ވަގުތެވެ.
އައިކީ އަހަރެންގެ ބިމުގެ ތެރެއަށް ވަދެގެން އައިއައުން އެތަކެއް އަހަރުކުރިން ފޭސްބުކުގައި ކުރަހާލި ގޭޓް ސަބަކަށް ނުވެއެވެ. އެހެނަސް އެއީ މިދަތުރުގެ ފެށުމުގެ ތެރޭގައި ހިމެނުނު އެއްބަޔެވެ. ހަޤީޤީ ފެށުމަކީ ނޭގުމެއްތެ ތެރޭގައި ބީވެގެން ދިޔަ ލޯކަނު ލޯތްބެވެ. ނާއުއްމީދަށް ގޮންޖަހާފައި ކުރެވުނު ފޮނި އުއްމީދެވެ.
ހުރިހާކުލަތަކެއް އެކުވެފައިވާ މާޒީގެ ސަފްހާތައް  މޯހިރަށް ދޫކޮށްލުމަށްފަހު އެންމެފަހުން މާދުރުން އުދުހިފައި އައިސް އަހަރެންގެ ހިޔާވަހިކަމުގެ ދަށުގައި އައިކީ މަޑުކޮށްލީ އަހަރުގެ އެންމެ ފަހު ފަތިހުގައި ފުރިފައިވާ ހިތަކައިގެންނެވެ. (ނިމުނީ)