z4nhs-sites-in-srirangapatna_header-2
ސްރިރަންގަޕަތުނާ އަކީ ދެކުނު އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގައި އޮންނަ ބޮޑުމިނުގައި 13 އަކަ ކިލޯމިޓަރު ހިމެނޭ ނިސްބަތުން ކުޑަކުޑަ އަވަށެކެވެ. މައިސޫރު ސިޓީއާއި މަންޑިއާއާއި ދެމެދު އޮންނަ އާބާދީގައި 23000 މީހުން ހިމެނޭ މިކުޑަ އަވަށަކީ މިއަދު މަންޑިއާ ޑިސްޓްރިކްޓުން ކޮންޓްރޯލްކޮށް އެތަނުގެ ބެލުމުގެ ދަށުން އިދާރީކަންކަން ބަލަހައްޓާ ތަނަކަށް ވީކަމުގައި ވީނަމަވެސް އެއްޒަމާނެއްގައި ރަސްކަލަކު ދިރިއުޅެއްވި ވެރިރަށެވެ.

 

2014-12-082B12.27.47
މީގެ 380 އަހަރު ކުރިން ޓިއްޕޫ ރަސްގެފާނު ބިނޭކުރެއްވި މިސްކިތް: އެތަނުގައި ފެންޑާގައި ހަތިމުތަކެއް ބަހައްޓާފައި، މިހާރުވެސް ނަމާދުކުރަން ބޭނުންކުރޭ

18 ވަނަގަރުނުގައި ދެކުނު އިންޑިއާގައި އެންމެ ބާރުގަދަ ލީޑަރު ޓިއްޕޫ ރަސްގެފާނުގެ ރަސްކަން ނުވަތަ މައިސޫރުގެ ރަސްކަމުގައި ވެރިރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސްރިރަންގަޕަތްނާއެވެ. މިއަވަށް ތާރީޚްގެ ތެރެއަށްވަދެ ޤައުމީ ތަރިކައެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ މީލާދީން 1779 ވަނަ އަހަރު ކުރެވުނު މައިސޫރު ހަނގުރާމައިގައި ޓިއްޕޫ ރަސްގެފާނު މަރާލުމަށްފަހު އިނގިރޭސިންގެ ބާރުގެ ދަށަށް މިސަރަހައްދު އައުމާއި ގުޅިގެންގެނެވެ.

ޖޯގުރަފީ ގޮތުން ބަލާއިރު މައިސޫރު ސިޓީއާއި މަންޑިއާއި އާއި ދެރޭތެރޭގައި އޮތްކަމުގައި ވީނަމަސް މިއަވަށަށް އެންމެ ބޮޑަށް ގުދުރަތީގޮތުން ލިބިފައިވާ ހާއްސަކަމަކީ މިއަވަށް ވަށައިގެން ދެކުނު އިންޑިއާގެ މަސްހޫރު  ކާވޭރީ ކޯރު ދެމިފައިވުމާއި އެކު އެޒަމާނުގައި އެހެން ބަޔަކަށް ފަސޭހައިން އެރުމަށް ކެރި ކުޅަދާނަ ނުވުމެވެ.
 
މިއަދުގެ ހާލަތަށް ބަލާއިރު ގުޅިފައިވާ އެއްގަމު ދަތުރު ފަތުރުގެ ނިޒާމުގެ ތެރެއިން މައިސޫރުން ބެންގަލޫރަށް ދަތުރުކުރުމަށް އަޅާފައިވާ ފާލަމެއްގެ ގޮތުގައި މިއަވަށުގެ މެދުން ހައިވޭއަކާއި ހުޅަނގު ބިތުން ރޭލްވޭއެއް ވަނީ ހެދިފައެވެ. ދަތުރުފަތުރުގެ ފަސޭހައަށްޓަކައި ކޯރުގެ ކެނޑުންތަކުގައި  ބުރިޖުކޮޅުކޮޅުން މިއަދު ގުޅާލާފައި ވީކަމުގައި ވީނަމަވެސް އެދުވަސްވަރުގައި މަސްހޫރުވެފައިވަނީ ވިލެޖް އައިލެންޑްގެ ނަމުންނެވެ.
 
މައިސޫރުގެ ސިންގާގެ ނަމުން މަސްހޫރުވެފައިވާ ޓިއްޕޫ ރަސްގެފާނު ވަނީ ވަށައިގެންވާ ކޯރުގެ ފައިދާނަގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޯރުގެ އެންމެ ބޭރު ފަށަލައިންނާއި ރަށުގެ އެތެރެ ފަރާތުން (ދެފާރުގެ މެދަށްކޯރު ވާގޮތަށް ، މިސާލަކަށް އެއްގަމު ތޮއްޓާއި ކަނޑު ތޮށީގެ ދެމެދުގައި ފަޅު އޮންނަ ފަދައިން) ދިފާއީ ފާރުތަކެއް ރާނާ ކޯރުގެ ތެރޭގައި ކިނބޫ ދިރުވާ އާލާކޮށްފައިވާ ކަމަށް ބުނެވެއެވެ. މީގެ ސަބަބުން އެތަކެއް ބައިވަރު ދުޝްމިނުންތަކެއް މިކޯރުގެ ޝިކާރައަށް ވެފައިވާކަމަށް މިއަވަށުގެ ކަމުވޮށިވެގެންވާ މީހުން ބުނެއުޅެއެވެ.
މަރުވެފައިވަނިކޮށް ރަސްގެފާނުގެ ހަށިގަނޑު ފެނުނު ސަރަހައްދު
މައިސޫރުގައި އޮތް އިސްލާމީ ވެރިކަމުގެ ބާނީ ޓިއްޕޫ ރަސްގެފާނުގެ ވެރިކަން ނިމިގެން ދިޔައީ އޭރުގައި އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އީސްޓް އިންޑިއާ ކޮމްޕެނީއާއި ނިޒާމް އޮފް ހައިދަރުއާބާދު އާއި ގުޅިގެން ފަންސާސް ހާސް މީހުންގެ ގުޅިފައިވާ ލަސްކަރަކާއިއެކު އިނގިރޭސިންގެ ކޮމާންޑްގެ ދަށުން މައިސޫރަށް އަރައި، ހަނގުރާމަކުރުމަށްފަހު، ސްރިރަންގަޕަތުނާ އާއި ހިސާބަށް ވާސިލުވެ ޓިއްޕޫ ރަސްގެފާނު އަވަހާރަކޮށްލުމުންނެވެ. ނިޒާމް އޮފް ހައިދަރު އާބަދަކީ ރަސްކަމުގެ ނިޒާމުގެ ތެރެއިން މިހާރުގެ ތެލަންގާނާ، މަހާރާސްތުރާ އަދި ކަރުނާޓަކާގެ ބޮޑުބައިގައި ފެތުރިފައިވާ އިނގިރޭސީންގެ ބާރު ހިމެނޭ ވެރިކަމެކެވެ.
 
ބުނެވޭ ގޮތުގައި ޓިއްޕޫ ރަސްގެފާނު އަވަހާރަކޮށްލުމާއިއެކު މައިސޫރުގެ ސިޔާސީ ނިޒާމު ބަދަލުކޮށް އިނގިރޭސިންގެ ބާރުދަށުގައި އެތަކެއް އަހަރު އޮތެވެ. މިހަނގުރާމައަށް ފަހު ސްރިރަންގަޕަތުނާ މިއަދު އަސާރީ ބިމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އަސާރީ މިބިމުގައި ހުރި ގަދީމީ ތަންތަން މުޅިންވެސް ގުޅިފައިވަނީ ޓިއްޕޫ ރަސްގެފާނާއެވެ. މީގެ 380 އަހަރު ކުރިން ޓިއްޕޫ ރަސްގެފާނު ބިނާ ކުރެއްވި މިސްކިތާއި، ޓިއްޕޫ ރަސްގެފާނު އަވަހާރަކޮށްލާފައި އެއްލާލާފައި އޮތް ތަނާއި، އިނގިރޭސިން އެތަން އަތުލުމަށްފަހު އެޅި ޖަލަކީ މިއަދުގެ ޖީލުތަކަށް ތާރިޚް ހެކިދޭ މުހިންމު ބިނާތަކެވެ.
ދާރުލްއާސާރު – މިތަނުގައި ކަނޑިއާއި ބަޑީގެ އިތުރުން ރަސްގެފާނުގެ ގަމީސްކޮޅު ބެހެއްޓިފައިވާ
މީގެ އިތުރުން ދަތުރުވެރިން ޝައުގުން ފުރިގެންވާ މުހިންމު ތަންތަން ތެރޭގައި ދިފާއީ ފާރުތަކާއި، އެއްތަނަކުން ފެންނަ ހުންނަ ރަސްމަތިފުށުގެ އާއިލާ އެންމެންގެ މަހާނަތަކާއި، ހަނގުރާމާގެ މައުލޫމާތާއި ހަނގުރާމާގައި ބޭނުންކުރެވުނު ހަތިޔާރުތައް ދައްކުވައިދޭ ދާރުލް އާސާރު ހިމެނެއެވެ. އަޅުގަނޑުގެ ޝައުގު އެންމެ ބޮޑަށް ހުއްޓިގެން ދިޔައީ އެތަނުގައިވާ ގަމީހަށެވެ. ބިއްލޫރި ފޮއްޓަކަށްލާފައިވާ ކަޑި ނުވަތަ މެރޫން ކުލައަކަށްދާ ގަމީހުގައި ރަންކުލައިން ވިދާ ތިކިތަކެއް ތަރިތަކެއްގެ ސިފާގައި ޖަހާފައިވާއިރު ގަމީހުގައި ވަނީ ބިންމަތީގައި ދަމާ ކޫތާފައިވާ ގޮތަށް ތަންތަންގަނޑުގައި ގުޅަގުޅަ އަށް ހުރި ހިރަފުހެވެ. ރަނގަޅަށް ވިސްނާ ބަލާލައިފިނަމަ އޭގައި ލޭގެ އަސަރު ވެސް ފެންނަން ހުރެއެވެ. އޭގައި ލިޔެފައިވަނީ ޓިއްޕޫގެ ގަމީސްކޮޅު ކަމަށެވެ.
 
jail-2


އިނގިރޭސިން މިތަން ހިފުމަށްފަހު ބޭނުންކުރި ޖަލަށް އަޅުގަނޑުކުރި ޒިޔާރަތުގެ ތެރެއިން ޖަލުގެ ބައެއްގެ ތެރޭގައި، މިތަން ހަދާފައި ވަނީ ބިމުގެ އަޑިއަށް ބިންގަރާހެއް ގޮތަށް




ފާހަގަވެގެން ދިޔަ އެންމެ މުހިންމު ކަމަކީ ސްރިރަންގަޕަތުނާގެ ހުރިހާ ދިމާލަކަށް ޒިޔާރަތްކުރުމުން އެތަނުގައި އުމުރާނީ ތަރައްޤީޤެ ކަންފުޅެއްވެސް ޒަމާނާއިއެއް ގޮތަށް ނެތްކަމެވެ. ދެފަރާތުގައި ޖެހިގެން މިވާ މައިސޫރާއި، މަންޑިޔާ އާއި އެއްފަދައިން ތަރައްޤީގެ ކުލަވަރު ފެންނަންނެތްތާގައި ޒަމާނީ ވިޔަފާރީގެ އެއްވެސް ކަމެއް އެތާގައި ނެތެވެ. އެތަނުގައިވާ އަގުބޮޑު ރައުސުލްމާލަކީ މިދެންނެވުނު އާސާރީ ތަރިކައެވެ.
2014-12-102B12.11.42
ޓިއްޕޫގެ އަނބިކަނބަލުން ބީބީ ރުޤުޔާ ބޭގަމްގެ މަހާނަ، އާއިލާގެ ހުރިހާ އެންމެ ވަޅުލާފައި ވަނީ އެއްތަނެއްގައި


އެތަނުގެ މައިގަނޑު މަސައްކަތަތަކީ ދަނޑުވެރިކަމެވެ، އެގޮތުން އެބައިމީހުން އުފައްދާ އުފެއްދުމަކީ ހަނޑުލާއި ހަކުރެވެ. 18 ވަނަ ޤަރުނުގައި ދައުލަތެއްގެ ވެރިރަށް ކަމުގައި ހިނގަމުންއައިސް އެބިމަށްޓަކައި އެތަކެއް ބައެއްގެ ލޭ އޮހޮރިފައިވާ ގަދީމީ މިބިން އެކާވީސްވަނަ ޤަރުނުގައި މިއަދުވެސް މިއޮތީ ގަދީމީ ގޮތުގައެވެ. ވީރާނާވެ ނެތެމުންދާ އުސް ބޯ ފާރުތަކެވެ، އިސްނާނުންގެ އަމަލުތަކުން ތަޤައްޔަރުވަމުންދާ ސާފު ފެނުން ވަށައިގެން ދެމިފައިވާ ގުދުރަތީ ކޯރެވެ.
ކާވޭރީ ކޯރުގެ ހތްގައިމުކަން ބަލާލުމަށް ޒުވާން ދިވެހި އަންހެން ކުއްޖަކު މަޑުކޮށްލައިގެން
ނޯޓު: މި ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެތަނަށް ޒިޔާރަތްކުރި ކުރުމުން ފެނުނު ކަންތައްތަކާއި، އެތަނުގައި ތިބި ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކާއި، ޒިޔާރަތްކުރާ މެހެމާނުންގެ މައުލޫމަތަށްޓަކައި އެކިއެކި ތަންތާގައި ބެހެއްޓިފައިވާ ލިޔުންތަކުގެ އަލީގައި ދިރާސާކޮށް ހިމަނާފައިވާ މައުލޫމާތެވެ. މީގެއިތުރުން ތަޢާރަފްގައި ގެނެސްދީފައިވާ އާބާދީގެ މައުލޫމާތަކީ 2001 ވަ ނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުން ނެގިފައިވާ މައުލޫމާތެވެ.