Seasonal-Mood-Disorder-2
މޫޑް ޑިސްއޯޑާރ އަކީ ތަފާތު ޖަޒްބާތުތައް އެކި ދަރަޖައަށް މަތިވެ، ތިރިވުމުގެ ކަންތަކާއި އެކު އިންސާނާގެ މޫޑަށް އަންނަ އާދަޔާޚިލާފް ބަދަލުތަކެއްގެ ސަބަބުން ދިރިއުޅުމުގެ މައިގަނޑު އަމަލުތައް ބަދަލުވެގެންދާ ބަދަލުވުމަށް ކިޔާ ނަފުސަނީ ބައްޔެކެވެ. އެގޮތުން އާދަޔާއި ހިލާފް ބަދަލުތައް އައުމަށް ދިމާވާ މައިގަނޑު ދެސަބަބަކީ ޑިޕްރެސްވުމާއި މޭނިއެކް ވުމެވެ.
ނަފްސާނީބަލުތައް ގިންތިކުރުމާއި މިންގަނޑު ކަނޑައެޅުމުގައި ބޭނުންކުރާ ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް ބުނާގޮތުން މޫޑް ޑިސްއޯޑާރ ޑައިގްނޯސް ކުރެވިގެން އަންނަނީ މައިގަނޑު ދެބްރާންޗެއްގެ ގޮތުގައެވެ. އެއީ ޔުނިޕޯލާ ޑިޕްރެޝަން އަދި ބައިޕޯލާ ޑިސްއޯޑާރ އެވެ.
ޔުނިޕޯލާ ޑިޕްރެޝަން މާނަކުރެވެނީ ޑިޕްރެސްވުމުގެ ކަންތައްތަކަށެވެ. އެގޮތުން އާދަޔާއި ހިލާފަށް ދެރަވެ ހިތާމަކުރުމާއި، ނިދަން އުނދަގޫމުވާއި، ވަރުދެރަވުމާއި، އާއްމުދިރުޅުމުގެ ލިބެން ހުންނަ އުފާތައް ހޯދުމަށް ޝައުގުވެރިކަން ނެތުން ހިމެނެއެވެ. މީގެ އިތުރުން އެހެން މީހުންނާ ވާހަކަދެއްކުމަށް އަމިއްލަ ޝައުގުވެރިކަން ނެތުމާއި، ނެގިމަޑުވުމާއި މީހުންދައްކާ ވާހަތަކަށް ސަމާލުކަން ނުދިނުން ހިމެނެއެވެ. ތިމާއަކީ އެއްވެސް މީހެއް ނޫންކަމަށް ހީކުރެވުމާއި، މީހުންގެ ތެރެއިން ބާކީވެ އެކަނިވެރިވުމަށް ބޭނުންވުމާއި، ޖިންސީ އެދުންތަކަށް ޝައުގުވެރިނުވުމާއި، ދުނިޔެއިން ނިމިގެން ދާނެ ގޮތަކާއި މެދު ހިޔާލުކުރެވުން ހިމެނެއެވެ.
ބައިޕޯލާ ޑިސްއޯޑާރގެ އަލާމާތްތަކަށް ބަލާއިރު އާދަޔާއި ހިލާފަށް ހަރަކާތްތެރިކަން އިތުރުވެ، އެއްވެސް ވަރުބަލިކަމެއް ނެތުމާއިއެކު އާއްމު މީހާ ނިދާވަރަށްވުރެ މަދުން ނިދުމާއި،  އަނގަގަދަވުމާއި، ހިޔާލުތަކާއި ވިސްނުންތައް އިންތިހާއަށް މައްޗަށް އަރައިގެން ދިޔުން ހިމެނެއެވެ. މީގެއިތުރުން މިފަދަ މީހުންގެ ވިސްނުމުގައި ތިމާއަށް ނުކުރެވޭނެ ކަމެއް ނެތްކަމަށް ދެކުމާއި، އާދަޔާއި ޚިލާފް ކޮންމެ ފަދަކަމެއްވެސް ކުރެވޭނެ ފަދަ ބާރަކާއި ހުނަރެއް ލިބިފައިވާކަމަށް ގަބޫލު ކުރެވޭނެއެވެ. އިތުރު އަލާމާތްތަކުގެ ތެރޭގައި ޖިންސީ ކަންތައްތައް އިންތިހާއަށް ބޭނުންވުމާއި، ރުޅިގަދަ ވުމާއި، މަސްތުވުމުގެ ހާލަތާއި ގާތްވެ، އެފަދަކަންކަމަށް ފުރުސަތުދެވޭ ގޮތްވެދެއެވެ.
މަތީގައި ބުނެވިދިޔަ ޔުނިޕޯލާ ޑިޕްރެޝަން ނުވަތަ ބައިޕޯލާރ ޑިސް އޯޑާރގެ ސިކާރައަކަށް ވެއްޖެކަމަށް ބަލާ ހަމަތަކަކީ މަދުވެގެން ފަސް އަލާމާތެއް ދެހަފްތާ ނުވަފަ އެއަށްވުރެ ގިނަދުވަހަށް ދެމިގެން ދިޔުމެވެ.