އިގުތިސާދަކީ މުދަލާއި ޚިދުމަތުގެ އުފެއްދުންތެރިކަމާއި ހޭދަކުރުމާއި،  އަދި ފޯރުކޮށްދެވޭ، ދައުރުކުރެވޭ ފައިސާގެ ހަމަތަކުގެ މަތިން ގައުމެއް ނުވަތަ ސަރަހައްދެއްގެ ހާލަތު ބަޔާން ކުރާ ބަޔާން ކުރުމެވެ. ކުރުގޮތަކަށް ބުނާނަމަ، އުފައްދާ ފަރާތާއި ނެރެދޭ ފަރަތާއި ބޭނުންކުރާ ފަރާތް ޝާމިލުވާގޮތަށް ގައުމެއްގައި ނުވަތަ ސަރަހައްދީގޮތުން އުފެދިފައިވާ ވިއުގައެވެ.
އިގުތިސާދުގެ އެންމެ މުހިންމު ދެބަޔަކީ ޝާމިލުވާ ފަރާތްތަކާއި، ކަނޑައެޅޭ ލަނޑުދަނޑި ތަކެވެ. އެގޮތުން އިގުތިސާދެއް އިގުތިސާދަކަށްވަނީ ޝާމިލްވާ ފަރާތްތަކެއް ތިބެގެންކަމުގައިވާއިރު މައިގަނޑު ގޮތެއްގައި މިފަރާތްތައް ބެހިގެންވަނީ އަންނަނިވި ގޮތުގެ މަތިންނެވެ.
އުފައްދާ ފަރާތް ނުވަތަ އިންވެސްޓް ކުރާ ފަރާތް
މަސައްކަތްތެރިން ނުވަތަ ވަޒީފާ އަދާކުރާ މީހާ
ބޭނުންކުރާ މީހާ ނުވަތަ ހޭދަ ކުރާ މީހާ
ސަރުކާރު
އިގުތިސާދީ މަސައްކަތްތައް ކުރެވެނީ ނުވަތަ ކުރެވިގެން އަންނަނީ ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ބަރޯސާވެގެން އެކަންކަން ހައްލު ކުރުމުގެ ގޮތުންނެވެ. އިގުތިސާދީ ނިޒާމްގެ ތެރޭގައި ހައްލު ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅޭ މައިގަނޑު އަމާޒުތަކަކީ އަގުމައްޗަށް ދިޔުން ނުވަތަ އިންފްލޭޝަން، ވަޒީފަގެ ފުރުސަތު، އިގުތިސާދީ ދުވެލިނުވަތަ ކުރިއެރުން، އާމްދަނީ އަދި ބެލެންސް އޮފް ޕޭމަންޓް އެވެ.

އެހެންކަމުން އިގުތިސާދެއް ބިނާވެގެންވަނީ އުފައްދާފަރާތާއި، ފޯރުކޮށްދޭ ފަރާތާއި، ލިބިގަންނަފަރާތާއި އަދި ޝަރުކާރެއްގެ މަތީގައި ކަމަށްވީ ހިނދު މަތީގައި ބަޔާންކުރެވިގެން ދިޔަ ލަނޑުދަނޑިތައް (މެކްރޯ އިކޮނިމިކްގެ އޮބްޖެކްޓިވްސް) ހާޞިލު ކުރުމުގެ މައިގަނޑު އަސާސަކަށް ވެގެންދަނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކެވެ.