ސެންޕައިގެ ފިކުރު ކޮލަމް
އަހަރެމެންގެ ގައުމަކީ އިންޑިޔާ ކަނޑަށް އުކާލެވިފައިވާ ހާރުތަކެއް ފަދަތަނެކެވެ. ކުޑަ އާބާދީއެއް ލިބިފައިވާ ،ބިމުގެ ނިސްބަތުން ކުޑަ ޤައުމަކަށްވެސްވެފައި އަދިހަމަ އެއާއި އެކު ނިސްބަތުން ކަނޑުގެ ބޮޑުބައެއް ލިބިފާއިވާބައެކެއެވެ. އެހެނަސް ކަނޑުގެ ބޮޑުބައެއް ލިބިފައިވާއިރު ކަނޑުގެ އެކި ހިސާބުތަކުގައި އެކިކަހަލަ ކުލަތައް އައިސްފާވަނީ ކިހިނެއްތޯ ވިސްނާ ފިކުރު ކޮއްލީ ތީގެތެރެއިން ކިތައް ބޭފުޅުންނަށްތޯއެވެ.


ކަނޑުގައި ނުވަތަ ކޯރުތަކުގައިވާ ކުލަތަކަށް އެހިސާބަކަށް އެންމެ އެކަށީގެންވާ ކުލަކަން ކަނޑައެޅެނީ، އިރު އޭގެ އަލި އައިސް ފެނުގެ މަތީފަށަލައިގައި ޖެހުމުންނެވެ. އަލީގެ ބައެއް ކުލަތައް ފާއްދާލައެވެ. އަދި އެތަނަކަށް އެންމެ އެކަށީގެންވައި ކުލައެއް “ރެފްލެކްޓް” ނުވަތަ “ސްކެޓާރ” ކޮއްލައެވެ. ބައެއް ފަހަރަށް މާސިންގައި ކަނޑުން ފެންނަ ކުލައާއި،ވިލު ހިސާބުތަކުން ފެންނަކުލައާއި، އަދި ފަރުފެންނަ ހިސާބުތަކުން ފެންނަކުލަތައް ތަފާތެވެ. މިހެން މިވަނީ ކިހިނެކުންކަން ސުވާލު އުފެދެއެވެ.
ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި އިރުގެ އައްޔަކީ ވިއްސާރަ ދުނީގެ ކުލަތައް އެކުވެގެން އުފެދިފައިވާ  “ހުދު” އައްޔެކެވެ. އެހެންކަމުން ކުރިންބުނިހެން އިރުގެ ދޯދިތައް އައިސް ފެނުގެމަތީ ފަށަލައިގައި ޖެހުމުން، ފެނުގައި ހިމެނޭ ބައެއް އެއްޗެހީގެ ސަބަބުން އަލިފޭދިގެން ދިޔުމާއި ދަޅައެޅުމާއި އަލި އަނބުރާ ފޮނުވުމުގެ މަރުހަލާތައް ކުރިއަށްދެއެވެ. މިގޮތުން ފެނުގައި ހިމެނޭ އެއްޗިއްސަށް ބަލާލާއިރުގައި ލޮލަށް ނުފެންނަވަރުގެ މަޙުލޫޤުންނާއި،“ޕްލާންކްޓަންސް”،ފެނުގެ އަޑިންއަރާ ވެއްޔާއި އެހެނިހެން ސާމާނާއި،’މިނެރަލްސް’ އަދި ފެނުގެ މަތީފަށަލަޔަށް އެޅޭ އަލި އިތުރަށް ހަރަކާތްތެރި ކުރުވުމަށް އެހީވެދޭ ދިރޭތަކެއްޗާއި އަދި އެހެނިހެން ތަކެތި ހިމެނެއެވެ.އަދި މީގެ އިތުރުން އެތަނަކަށް އެކަށީގެންވާ ކުލަ ލިބިދިނުމުގައި އެތަނެއްގެ ތިލަ،ފުންމިނަކީވެސް ވަރަށް ބޮޑު ރޯލެއް އަދާކުރާކަމެކެވެ.
މިގޮތުން މިހާތަނަށް ހޯދިފައި ހޯދުން ތަކަށް  ބަލާލާއިރު،ވަކި ކުލައެއް ކަނޑުގެ އެއްވެސް ހިސާބަކުން ފެނިއްޖެނަމަ،އެހިސާބެއްގެ ފުންމިން އަހަރެމެންނަށް އަންދާޒާ ކޮށްލެވެއެވެ. އެގޮތުން މަޑުމުށިކުލައިގައި ފެނިއްޖެނަމަ،އެތަނެއްގެ ފުން މިނުގައި ގާތް ގަނޑަކަށް އެއް މީޓަރަށް ވުރެން ތިލަކަން ލަފާކުރެވެއެވެ، މަޑުފެހިކުލައިގައި ފެނިއްޖެނަމަ އެއީ ދެމީޓަރަށް ވުރެން ފުންކަން އަންދާޒާކޮށްލެވެއެވެ، ގަދަ ފެހިކުލައިގައި ފެނިއްޖެނަމަ އެއީ ހަމީޓަރަށް ވުރެން ފުނެވެ. އަދި ހަމަ އެހެންމެ ގަދަ ނޫކުލައިގައި ފެނިއްޖެ ނަމަ އެއީ ފަންސަވީސް މީޓަރަށް ވުރެން ފުންކަން ވެސް ލަފާ ކުރެވެ. މިގޮތަށް ތިލަ،ފުން މިން ލަފާ ކުރެވޭނީ މިރާއްޖެ ކަހަލަ ފަރުތައް ހުންނަ ކަނޑުތަކުގައެވެ. ކޯރުތަކުގައި ތަފާތުވުން އެކަށީގެންވެއެވެ.
އަހަރެމެންގެ ކަނޑުތައް ނޫކުލައިގައި މިހުންނަނީ ކީއްވެބާވައެވެ؟ އިރުގެ އަލި ދަތުރުކުރަނީ އެކި “ވޭވް ލެންތު” ގައެވެ. މިގޮތުން އިރުގެ އަލި ކަނޑަށް އެޅުމުން  ރަތް،އޮރެންޖް، އަދި ރީނދޫ ކުލަތައް ފެނުގެ ތެރެޔަށް ފާއްދާލައެވެ. އަދި ނޫކުލަ “ރެފްލެކްޓް” ކޮއްލައެވެ. މިހެންވަނީ ނޫކުލައިގެ “ވޭވް ލެންތު” އެހެން ކުލަތަކަށް ވުރެން ކުޑަވީމައެވެ. އުޑުމަތި ސާފުވެފައި ބޮޑަށް އަވިދޭކަމުގައި ވަނީ ނަމަ ކަނޑުގެ ކުލަތައް ފެންނަލެއް މާބޮޑަށް ސާފެވެ. އެހެން ނަމަވެސް އުޑުމަތި ބަނަވެފައި އަވިދިނުން ކުޑަނަމަ ފެންނަ ކުލަތައް ސާފުވުން ކުޑައެވެ، މިހެން ދިމާވަނީ އިރުގެ އަލީގެ ބާރުމިން ދައްވުން ނުވަތަ އިންޓެންސިޓީ ހުނަ މިންވަރުގެ ސަބަބުންނެވެ.
ބައެއްފަހަރަށް އަހަރެމެންގެ ކަނޑުތަކުގެ ބައެއް ހިސާބުތަކުގައި މަޑު ފެހިކުލައެއްވެސް ހުރެއެވެ، މިހެންދިމާވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ “ފައިޓޯ ޕްލާންކްޓަންސް” އެވެ. “ފައިޓޯޕްލާންކްޓަންސް ” ގައި  “ކުލޮރޮފިލް” ހުރެއެވެ. މިއަކީ ގަސްގަހާގެހި އިރުގެ އަލި ބޭނުން ކޮށްގެން ކާނާ އުފައްދަން ބޭނުންކުރާ އެއްޗެކެވެ. މިގޮތުން “ފައިޓޯޕްލާންކްޓަންސް” ނިސްބަތުން ގިނަވުމުން އެހިސާބުގަނޑެއް ފެހިކުލަވެއެވެ.
ކަނޑުތަކަކީވެސް އަޖައިބުން ފުރިގެންވާ ގިނަ ކަންތައްތަކެއް ވާތަނެކެވެ. ކަނޑުގައި ލައްވާފައިވާ އެންމެ ކުޑަ އެތިން ފެށިގެން ގޮސް އެންމެ ބޮޑު އެއްޗަށް ނަޒަރު ހިންގާލިޔަސް މިކަން އެނގެއެވެ. ނުވަތަ ވަށައިގެންވާ ހުރިހާ ކަމަކުން ވެސް މިކަން އެނގިގެންދެއެވެ. މިގޮތުން އަހަރެމެންގެ ދިރިއުޅުމުގެ ގިނަކަންތައްތަކެއް ކަނޑާއި ގުޅިފައިވާއިރު ،މިކަންކަމާ މެދު ފިކުރު ކޮއްލުން ވަރަށްވެސް މުހިންމެވެ.