ލަނޑުދަނޑި ކަނޑައެޅުމަކީ ކުރިމަގަށް ކުރަހާލެވޭ މަގުޗާޓެކެވެ. ވަކިހާއްސަ ލަނޑުދަނޑިއެއް ނެތި އަދި ވަކި ހާއްސަ މިސްރާބެއް މަންޒިލެއްނެތި ދިރުޅުން ހޭދަކުރުމަކީ ހަޔާތުގައި އެޅޭނެ އެންމެ ބޮޑު ޅައެއްޗެވެ. ކޮންމެ މީހަކަށްވެސް އެމީހަކު އުމުރުގެ ކުޑަދުވަހު (ހަނދާން ހުންނަން ފެށީއްސުރެ) މިއަދާ ޖެހެންދެން ހަޔާތާއި މެދު ވިސްނާ އެމީހެއްގެ ހަޔާތުނާމާގައި ހުރި ކާމިޔާބާއި ނާކާމިޔާބު އަދި ލިބިފައިހުރި ހުނަރާއި ބޭނުންވާ ހުނަރު އަޅާކިޔުމަށްފަހު ތިމާއަކީ ކާކުކަން އަމިއްލައަށް ދެނެގަނެވިދާނެއެވެ. އަދި އެއަށްފަހު ހަޔާތުގެ ލަނޑުދަނޑިތައް ކަނޑައެޅިދާނެއެވެ. ލަނޑު ދަނޑި ކަނޑައަޅާއިރު އެންމެ މުހިންމު ކަމަކީ ހާޞިލު ކުރާނީ ކޮންކަމެއްކަމާއި ހާޟިލު ކުރަން މިއުޅެނީ ކީއްވެކަމާއި އަދި އެކަން ހާޟިލު ކުރާނީ ކިހިނެތްކަން ވަރަށް ސާފުކޮށް ތިމާއަށް އެނގިފައި ހުރުމެވެ.

ލަނޑުދަނޑި ކަނޑައެޅުމާއި އަދި ހާޟިލު ކުރުމަށް ކުރެވޭ ދަތުރުގައި ފުރިހަމަ ކޮށްލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިފަދަ ކަންތައްތަކަކީ ބޮޑުކަމަކަށް ނުހަދާ ހެޔޮވަރުވަރަކަށް ވިސްނުމަށްފަހު ކޮންމެމީހަކަށްވެސް ކުރެވިދާނެ އާދައިގެ ކަންތައްތަކެވެ.
·       ލަނޑުދަނޑި އަކީ ކޮބައިކަން ލިޔެލުމަކީ މުހިންމު ކަމެކެވެ، ލިޔެފައި އޮތުމުން އޭގެ ހަޤީޤީ ކުލަޖެހުމުގައި އިތުރުބާރަކަށްވެގެން ދެއެވެ.
·       ލަނޑުދަނޑިތައް ގިންތިކުރުމަކީ މުހިންމުކަމެކެވެ. އާއްމުގޮތެއްގައި ކަމުގެ މާހިރުން ދެކެނީ ލަނޑުދަނޑިތައް ހަތަރުގިންތިއަކަށް ގިންތިކުރުމަށެވެ. އެއީ ދިގުރާސްތާ (5 އަހަރާއި 10 އަހަރު)، މެދުރާސްތާ (3 އަހަރާއި ފަސްއަހަރު)، ކުރުރާސްތާ (1 އަހަރާއި 3 އަހަރު) އަދި ހިނދުން ހިނަދަށް (އެއް އަހަރަށްވުރެ ކުރު މުއްދަތެއް)
·       އިސްކަންދޭތަރުތީބަކީ ކޮބައިތޯ ބެލުމަށްފަހު، އެންމެ މުހިންމީ ކޮންކަންކަމެއްކަމާއި، މުހިންމު ނޫނީ ކޮންކަންކަމެއްކަން ބަލާ ފުރަތަމަ ކަންތައް ފުރަތަމަ ކުރާ އުސޫލު ހިފެހެއްޓުމަކީ ރަނގަޅު އާދައެކެވެ.
·       އަމިއްލަ ނަފުސާއި ވާދަކޮށް ނުކުރެވޭނެކަމަށް ނުވަތަ ނުވާނެކަމަށް އަމިއްލައަށް ހީވަހީވުންތަކަށް ގޮންޖެހުމަށްފަހު “ނުބީހެންޏާ ކަނޑާހަމަ” ހިތައް ގެނެސްގެން ތިލަފަޅަކުންވިޔަސް އަދި ފަރެއްމަތިން ދަތުރު ކުރަންޖެހުނަސް އޮޑި ނުބީހި ކުރިއަށް ދާނަމަ މަންޒިލަށް ދެވޭނެކަން ވިސްނާށެވެ.
·       ލަނޑުދަނޑި ހާޟިލު ކުރުމުގައި ހަރަކާތްތެރިވާނެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެކެވެ. ވަކިވަގުތެއްގައި ނުވަތަ ވަކި ހާލަތެއްގައި ކުރާނެ ކަންކަމާއި ކުރިއަށް ދަތުރު ކުރާނެ މަގުތައް ސާފުކޮށް އެނގިފައި އޮތުމަކީ މުހިންމު ބައެކެވެ.
·       ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހަކަށްވުމާއި ދުނިޔޭގެ ކަންކަމައި ހާލަތައި ތިމާގެ އަމިއްލަ ހާލަތަކީވެސް  ބަދަލުވާ ކަންކަމަށް ވިސްނާ ލަނޑިދަނޑިތައް މުތާލިއާކޮށް ސީދާ ދާންއުޅޭ އަމާޒު ނުގެއްލޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.
·       ހެދޭގޯހުން އިބުރަތް ހާޞިލުކޮށް، އެފަދަކަމެއް ތަކުރާނު ނުވާނެ ގޮތަކަށް ކަނޑައެޅުމާއި އަދި މިސްޓޭކެއް ނުވަތަ ޅައެއްޗެއް އެޅިދާނެކަމުގެ ބިރު ފަހަނައަޅާ ދިޔުމަކީ މުހިންމު ކަމެކެވެ. ހެދޭ ގޯހަކީ އިބުރަތެކެވެ. އިބުރަތުން ދަސްކުރެވޭ ދަސްކުރެވުން މާބޮޑަށްވެސް ރަނގަޅުވާނެއެވެ.
·       މައިގަނޑު ބޮޑު އަމާޒަށް ނުވަތަ މަންޒިލަށް ވާސިލު ވުމަށްޓަކައި ސީދާ ގޮތުންނާއި ނުސީދާގޮތުން ހަޞިލުކުރުމަށް ކަނޑައަޅާފައިވާ އެހެނިހެން ލަނޑުދަނޑިތަކު މިސްރާބަކަށްވާންވަނީ ޙާޞިލުކުރަން ބޭނުންވާ މައިގަނޑު ލަނޑު ދަނޑިއެވެ. މިކަންކަން ގުޅި ލާމެހުމަކީ މުހިންމު ކަމެކެވެ. އަދި ހާޟިލުކުރަން ބޭނުންވަ ބޮޑު ލަނޑުދަނޑިއާއި ދިމާއަށް ދިޔުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ކޮންމެސް ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ.

·       ލަނޑުދަނޑި ހާޞިލުކުރުމަށް ކުރާ ދަތުރުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ހާޞިލުކުރާށެވެ. ލަނޑުދަނޑި ހާޟިލުކުރުމުގެ މާނާގައި ދިރިއުޅުމުގެ އެހެނިހެން އުފާތަކުން މަހުރޫމް ވިޔަ ނުދޭށެވެ، މާދަމައަށް ކުރެވޭ ފޮނި އިންތިޒާރަކުން “މިއަދު” ހާރަބުކޮށް ނުލާށެވެ.