ސެންޕައިގެ ފިކުރު ކޮލަމް
ރެދަންލުމޭ ބުނެފިނަމަ ސިފަކުރެވެނީ ކޮން އެއްޗެއްތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކަނޑުމަތީގައި ކޮންމެވެސް ކަމެއްގައި އުޅުއްވާ ބޭފުޅުންނެވެ. ރޭގަނޑުމަސްބާނަން ގޮސް އުޅޭއިރު ނޫނީ  ރޭގަނޑުދަތުރެއްގައި އުޅޭއިރު ހަމަގައިމުވެސް މިކަންކަން ފެންނާނެއެވެ. ރެދަންލުމޭ ބުނެފިނަމަ ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ރެދަންލަނީ ކަނޑުމަތީގައި އެކަނިކަމަށެވެ.  އެހެން ނަމަވެސް”ބަޔޮލޮޖިކަލީ” ބުނާކަމުގައިވާނަމަ ރެދަން އެއްގަމުގައިވެސް ލައެވެ.މިލިއުމުގައި އަޅުގަނޑު ބޮޑަށް އަލިއަޅުވާލާނީ އަޅުގަނޑުމެން މިކިޔާ ރެދަންލުމާއި ބެހޭގޮތުންނެވެ.އެއީ ކަނޑުގައިލާ ރެދަންލުމާއި ބެހޭގޮތުންނެވެ.

ސައިންސްގެ އަލީގައި އެއްގަމާއި ކަނޑުގައި ރެދަންލުމަށް ބޭނުންކުރާ ބަހަކީ “ބަޔޯލުމިނިސެންސް” އެވެ. މިބަސް އައިސްފައިވަނީ ގްރީކް ބަހެއް ކަމުގައިވާ “ބަޔޯ”، އާއި ލެޓިން ބަހެއް ކަމުގައިވާ “ލުމެން” އިންނެވެ.  އެގޮތުން “ބަޔޯ”ގެ މާނައަކީ ހުރިހާ ދިރޭ މަހުލޫޤެކެވެ. ހަމައެހެންމެ “ލުމިނިސެންސް”ގެ މާނައަކީ އައްޔެވެ. އެހެންކަމުން ރެދަންލުން ނުވަތަ “ބަޔޯލުމިނިސެންސް” އަކީ ދިރޭމަހުލޫގުންގެ ތެރެއިން ބައެއް މަހުލޫޤުން އެއެއްޗެއްގެ ހަށިގަނޑުތެރޭގައި ހިނގައި “ކެމިކަލް ރިއެކްޝަން” އެއްގެ ސަބަބުން އެމަހުލޫޤެއް އުފައްދާ އައްޔެވެ. މި އަލީގެ ހޫނުމިން ހުންނަނީ 20 އިންސައްތަ އަށްވުރެ ދަށުގައެވެ. ވުމާއިއެކު “ބަޔޯލުމިނެސެންސް” މަޝްހޫރު ވެފައިވަނީ “ފިނި އައްޔެއް” ގެ ގޮތުގައެވެ. މިވައްތަރުގެ ތެރެއިން ގިނަ އެއްޗިހި ދިރިއުޅެމުން ދަނީ ކަނޑުތަކުގައެވެ.އެއްގަމުގައި އުޅެނީ ވަރަށް މަދު މަހުލޫޤެކެވެ. ނަމަވެސް ކޯރުތަކުގައި މިކަހަލަ ދިރުމެއްވާކަން ސައިންސްވެރިންނަށް އަދި ހޯދިފައެއްނެތެވެ. ކަނޑުގައިވާ ދިރުންތަކުގެ ތެރެއިން މިކަންކުރުމުގެ ގާބިލުކަން ބޮޑަށް ލިބިފައިވަނީ މަހުގެބާވަތްތަކަށެވެ. މީގެ އިތުރުން “ބެކްޓީރިއާ” އަދި މާވަރު (ޖެލީފިޝް) ގެ ވައްތަރުތަކަށްވެސް މިކަން ކުރުމުގެ ޤާބިލުކަން ލިބިގެންވެއެވެ.އަދި އެއްގަމުގައި އުޅޭ ތަކެތީގެ ތެރެއިން “ފަޔަރ ފްލައިސް” އަދި “ފަންގަސް” އަށް ވެސް މިކަން ކުރުމެގ ޤާބިލުކަން ލިބިގެންވެއެވެ.
ކުރިން ބުނެވުނު ފަދައިން ރެދަންލުން އުފެދެން މެދުވެރިވަނީ މި ތަކެތީގެ ތެރޭގައި ހިނގާ “ކެމިކަލް ރިއެކްޝަން” އެއްގެ ސަބަބުންނެވެ. މި ” ކެމިކަލް ރިއެކްޝަން” އުފެދުމަށްޓަކައި ތަފާތު ދެ ވައްތަރެއްގެ “ކެމިކަލް” އެއް ބޭނުން ވެއެވެ. އެއީ “ލުސިފެރިން” އާއި އެކު “ލުސިފެރޭސް” ނުވަތަ “ފައިޓޯ ޕްރޮޓީން” އެވެ. އެގޮތުން ” ލުސިފެރިން” އަކީ އަލި އުފައްދައިދިނުމަށް އެންމެ މުހިއްމު ބައެއް ކުޅޭއެއްޗެވެ.
ރެދަންލުން މެދުވެރިވާ ތަފާތު ތިން ގޮތެއް އޮވެއެވެ. އެއީ “ލުސިފެރިން” އަމިއްލައަށް އުފައްދާ ވައްތަރާއި “ލުސިފެރިން” އަމިއްލައަށް ނުއުފައްދާ ވައްތަރު ނުވަތަ ދެދިރޭމަހުލޫޤެއް ނުވަތަ ގިނަކޮން މެދުވެރިވެގެން ދެ އެއްޗަށްވެސް ފައިދާވާގޮތަށް (“ސިންބަޔޯޓިކް”) ދާވައްތަރާއި އަދި “ފައިޓޯ ޕްރޮޓީން” ބައިވެރިވާ ވައްތަރެވެ.މިގޮތުން ފަހަރަކު ބަޔަކަށް ތަފުސީލުކޮށް ބަލައިލަމާ ހިނގާށެވެ.
ރެދަން ލުމުގައި “ލުސިފެރިން” އަމިއްލައަށް އުފައްދާ ވައްތަރުގައި “ލުސިފެރިން” އެދިރޭއެއްޗަކަށް ބޭނުންވުމުން  އަމިއްލައަށް “ލުސިފެރިން” އުފައްދައެވެ. އެއީ “ލުސިފެރޭސް”  އެތަކެތީގެ ހަށިގަނޑުގައި ބަހައްޓައިގެންނެވެ. މިއީ ގަސްގަހާއިގެހި އިރުގެ އަލިބޭނުން ކޮށްގެން ކާނާ އުފެއްދުމަށް “ކްލޮރޮފިލް” ކިޔާ ބާވަތެއް އޭގެތެރޭގައި ރައްކާކޮށްފައި ހުންނަ ގޮތާއި ދާދި އެއްކަހަލަގޮތެކެވެ. އެގޮތުން ބަލައިލާ އިރު ކަނޑުގެ އެންމެ މަތީފަށަލައިގައި އުޅޭ ވަރަށް ކުދިކުދި އަދި ލޮލަށް ނުފެންނަ ވައްތަރުތަކުގެ އެއްޗިހިވެސް މިގޮތަށް ރެދަންލައިހަދައެވެ.(ފައިޓޯ ޕްލާންކްޓަން އާއި ޒޫޕްލާންކްޓަން) މިބާވަތުގެ ރެދަންލައިފާ ހުންނައިރު ހުންނާނީ ނޫ-ފެހި ކުލައިގައެވެ.މިވައްތަރުގެ ރެދަންލަނީ އާއްމު ގޮތެއްގައި ވިލު ހިސާބުތަކުގައެވެ.އެއީ އެހިސާބު މާކަނޑާއި ގުޅިފައި ނުވާތީ އާއި އެކު  ތާފަނާކަން ލިބޭތީއެވެ.މިއީ ވަރަށް މަދުން ރެދަންލާ ވައްތަރެކެވެ.
ރެދަންލުން މެދުވެރިވާ ދެވަނަ ގޮތްކަމުގައިވާ “ލުސިފެރިން” އަމިއްލައަށް ނުއުފެއްދޭ ވައްތަރުގައި،“ލުސިފެރިން” ހޯދަނީ އެހެން ދިރޭއެއްޗެއް ކާނާގެ ގޮތުގައި ކާލައިގެން ނުވަތަ “ސިންބަޔޯޓިކް” ގުޅުމުންނެވެ.މިގޮތުން ބޯވަދިލަމަހުގެ ވަކިވައްތަރަކާއި ބެކްޓީރިއާގެ ގުޅުމުން މިކަން އެނގެއެވެ.މި ބޯވަދިލަމަސް ބެކްޓީރިއާ އަށް ކާނާދެއެވެ.ދެން މިސޮރު ބޭނުން އިރަކު ދިއްލާލަދެއެވެ.
ރެދަންގިނައިން ލަނީ “ލުސިފެރިން” އާއި “ލުސިފެރޭސް” ބައިވެރިވެގެންނެވެ. އެހެންނަމަވެސް ބައެއްފަހަރު ރެދަންލުމުގައި “ލުސިފެރޭސް” ގެ ބަދަލުގައި “ފައިޓޯ ޕްރޮޓޯން” ބައިވެރިވެއެވެ. މިގޮތުން މާވަރުގެ (ޖެލީފިޝް) ވަކިވައްތަރެއްގައި މިބާވަތުގެ ރެދަންލައެވެ. ރެދަންލުމާއި “ފްލޮރިސެންސްވުމަކީވެސް ތަފާތު ދެކަމެކެވެ. “ފްލޮރިސެންސް” ވުމަކީ އެއްވެސް “ކެމިކަލް ރިއެކްޝަން” އެއް ބޭނުންވާކަމެއް ނޫނެވެ.ހަމަ އެކަނި އަލި ބޭނުންކުރުމަށް ފަހު އަނެއްކާ އެއަލި ބޭރުކުރުމެވެ. މިހެންވުމުގައި އެއެއްޗެއް ހޫނުކަން އިތުރުވެއެވެ.
ރެދަން ގިނައިންލަނީ ނޫ-ފެހިކުލައިންނެވެ، އެހެންނަމަވެސް މަދުން ނަމަވެސް ރީނދޫކުލައިން ނުނީ ރަތްކުލައިންވެސް ރެދަންލައެވެ.އަދި ރެދަން ލުމުގައި ވެސް ބައެއްކަހަލަ ގޮތްތަކެއް ހުރެއެވެ.އޭގެތެރޭގައި ގިނައިރު ވަންދެން އަލިވުމާއި އާދައިގެ ވަރަކަށް އަލިވުމާއި ބައެއް އެއްޗެހީގެ ވަކި ގުނަވަނެއް ނުވަތަ ވަކިތަނެއް ދިއްލުމެވެ. އެހެންނަމަވެސް އެއީ މަދުވެގެން 10 ސުކުންތުވަރު ވަންދެނެވެ. އަދި މީގެތެރެއިން ވަރަށް މަދު އެއްޗަކަށް ނޫނީ އެއްކުލައަށްވުރެން ގިނަކުލައިން ރެދަންލުމުގެ ކުޅަދާނަކަން ލިބިގެންނެއް ނުވެއެވެ.

ރެދަންލުމުގައި އެތަނެއްގެ މާހައުލާއި އެތަނެއްގައި ދިރިއުޅޭ އެހެނިހެން ދިރޭތަކެއްޗަށް ވެސް ބަރޯސާވެއެވެ. ހަމަ އެއާއި އެކު މިކަމުގައި ވަރަށް ބައިވަރު ހިކުމަތްތަކެއްވެސް ވެއެވެ. މައިގަނޑު ގޮތެއްގައި ކާނާ ހޯދުމާއި ޝިކާރަކުރަން ނިކުމެއުޅޭ ބޮޑަތި މަސްމަހާމެހީގެ ކިބައިން ރައްކާވެ ތިބުމަށާއި ރަނގަޅު ބައިވެރިއަކު ހޯދުމަށާއި އުނދަގޫކުރުމުންނާއި އަދިވެސް  އެތައްބައިވަރު ކަންތައްތަކެއް ކުރުމަށެވެ. ބައެއްފަހަރަށް ރެދަންލައިފައި ހުއްޓާ ދުނިޔެ ވަށާ ދައުރުކުރަމުންދާ ޖައްވީ އުޅަނދުތަކަށްވެސް ވަނީފެނިފައެވެ. މިކަންވަނީ ވަރަށްފަހުގެ ނާސާ ގެ ފޮޓޯތަކަކުން ވެސް ސާބިތުކޮށްދީފައެވެ.