ލުއި ހުނަރާއި ބެހޭ ޢިލުމުގެ މުހައްރިރުން ބުރަވާގޮތުގައި އިންސާނުންގެ ކިބައިގައި ޖުމްލަ ގޮތެއްގައި ހުންނަނީ ހަތްވައްތަރެއްގެ ތޫނުފިލިކަމެވެ. އެކިއެކި ތޫނު ފިލިކަން އެކި މީހުންގެ ގައިގާ އެކިވަރަށް އަށަގަންފައި ހުންނައިރު، މިހަތްވައްތަރުގެ ތެރެއިން ފަސްބާވަތުގެ ތޫނުފިލިކަމަކީ ޢިލްމީ ހުނަރުތަކެވެ. އަނެއް ދެބާވަތަކީ ހިލްމީ ހުނަރުތަކެވެ. އިލްމީ ހުނަރު ތަކުތެ ތެރޭގައި ހިމެނެނީ އެއީ ބަހުރަވީ ތޫނިފިލިކަން، ހިސާބުކިތާބުގެ ތޫނުފިލިކަން، މިއުޒިކީ ތޫނުފިލިކަން، ޖިސްމާނީ ތޫނުފިލިކަން އަދި ސިފަކުރުން ނުވަތަ މަންޒަރީ ތޫނު ފިލިކަމެވެ. ފަރުދީގުޅުމުގެ ތޫނުފިލިކަމާއި އަމިއްލަ ޒާތީ ތޫނުފިލިކަން ހިމެނިގެން ދަނީ ހިލްމީ ހުނަރުތަކުގައެވެ.
ފަރުދީ ގުޅުމުގެ ތޫނުފިލިކަމަކީ އެހެން މީހުންނާއި އެކު އެމުނިއެކުލެވިގެންވާ ގޮތެއްގެމަތިން ކޮންމެ ހާލަތެއްގައިވެސް މުއަމަލާތްކުރުމުގެ ޤާބިލްކަމާއި ހުނަރުވެރިކަން ހުރުމެވެ. މެނޭޖްމަންޓް ސްކިލް ނުވަތަ ހިންގުންތެރި ކަމުގެ ހުނަރަކީ ފަރުދީ ގުޅުމުގެ ހުނަރާއި ދާދި އެކައްޗެކެވެ. ފަރުދީ ގުޅުމުގެ ތެރެއިން އެކަށީގެންވާ ރަނގަޅު ގޮތެއްގައި ކާމިޔާބު ކަމާއި އެކު މީހުންނާއި މުއާމަލާތްކުރުމުގައި މައިގަނޑު ފަސްކަމަކަށް ގާބިލްވުމަކީ މުހިންމު ކަމެކެވެ.
1-   އަމިއްލައަށް ހޭލުންތެރިވުން
ތިމާގެ މޫޑުހުންނަގޮތައި، ވިސްނުމުގެ ހާލަތު އަމިއްލައަށް ދެނެގަނެ އެހެން މީހުންނަށް އެކަމުގެ ސަބަބުން ކޮށްފާނެ އަސަރުތަކާއި މެދު ވިސްނާ އަދި ތިމާއާއި މެދު އެހެން މީހުން ދެކޭނެ ގޮތް އަމިއްލައަށް ވަޒަންކުރުން
2-   އަމިއްލަ ކޮންޓްރޯލް
ޖަޒްބާތުތައް އަމިއްލައަށް މެނޭޖު ކުރަން އެނގުމާއި އެކު މުނާސިބު ނޫން ޖަޒްބާތެއްގައި ހުންނަވަގުތުތަކުގައިވެސް މުއާމަލާތްކުރެވޭ ވަގުތުތަކުގައި އެމުއާމަލާތަކާއި ގުޅޭގޮތަށް ހުންނަވާ އަސްލު ސޫރާގައި ހުރުމުގެ ޤާބިލްކަން ލިބުން
3-   ރަނގަޅަށް އަޑު އެހުން
އަނެކާ ދައްކާ ވާހަކަ އަޑު އެހުމުގެ ޤާބިލްކަން ހުރުމާއި އެކު އަޑުއެހުމުގެ ތެރެއަށް އަމިއްލައަށް ވަދެ އަޑުއަހެމުގެ ފޯކަސް ގެއްލުވާނުލާ އެމީހާ ދައްކާ ވާހަކަ އަމިއްލައަށް ފަހުމުވިވަރު ދެނެގަނެ މާބޮޑަށް ލެނބި ހުސްވުމުގެ ބަދަލުގައި އަމިއްލަ އިހިސާސްތައް މެދުމިނުގައި ހިފެހެއްޓުން
4-   އެހެންމީހުންގެ ޝައުގުތައް ބަލައިގަތުން
ތިމާ ޝައުގު ވެރިނުވާކަންކަމަށް އެހެންމީހަކު ޝައުގުވެރިވީ ނަމަވެސް އިހުތިރާމާއި އެކު އެކަން ބަލައިގަތުން އަދި އެއްބަޔަކަށް ކާމިޔާބު އަނެއް ބަޔަކަށް ނާކާމިޔާބު (ކާމިޔާބާއި – ނާކާމިޔާބު) ގެ ހާލަތްތައް މެދުވެރިވުމުން ދެބަޔަށްވެސް ކާމިޔާބު (ކާމިޔާބާއި – ކާމިޔާބު) ވެއްޖެކަމުގެ ހައްލެއް ނެރުމުގެ ޤާބިލްކަން ދެއްކުން،
5-   މުއާމަލާތްކުރުމުގެ ހުނަރު
މުއާމަލާތްކުރުމުގެ ހުނަރު ވަރުގަދަނަމަ، ވާހަކަދެއްކުމުންނާއި، ލިޔުމުންނާއި، އަދި ހަރަކާތްތަކުން ވެސް އެހެން މީހުންނާއި ރަނގަޅު ގޮތުގައި ގުޅުން ބަދަހި ކުރެވެއެވެ. މިޒަމާނުގެ އެކިއެކި ވަޒީފާތަކަށް ނަޒަރު ހިންގާލާއިރު މީހާގެ އަމިއްލަ ކާމިޔާބުގައި އާދާކުރެވޭ ވަޒީފާ އާއި ގުޅޭގޮތުން އެމީހާކަށް ލިބިފައި ހުންނަ އިލުމު ހިއްސާކުރަނީ އެންމެ ފަނަރަ އިންސައްތައެވެ. ބަކީ ހައްޑިހަ ފަސް އިންސައްތަ ހިއްސާކުރަނީ ހިލުމައީ އެންހެމީހުންނާއި ކުރެވޭ މުއާމަލާތެވެ.
 މިދެންނެވުނީ ފަރުދީ ގުޅުމުގެ ރަނގަޅު ހުނަރުވެރިކަމެއްގައި ގާބިލްވާންޖެހޭ ފަސް ކަންތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ފަރުދީ ގުޅުމުގެ ތޫނުފިލިކަން ތަރައްޤީ ކުރެވޭނީ ކިހިނަކުންތޯ ބަލާއިރި އަންނަނިވި ކަންކަމުން އެކަން ރަނގަޅަށް ޙާޞިލް ކުރެވޭނެއެވެ.
ފަރުދީ ގުޅުމުގެ ހުނަރު ތަރައްޤީ ކުރަންވެއްޖެކަން އަމިއްލައަށް ރޭކާލާން ޖެހެއެވެ. މީހަކާއި އޮންނަ ސާފު ގުޅުމެއް ކެނޑިގެން ގޮސްފި ނަމަ އެކަމާއި މެދު ވިސްނާ ތިމާރަނގަޅު ކޮށްލަން ޖެހޭ ކަންކަން ފާހަގަކުރާށެވެ.
ހިނިތުންވުމަކީ ދެމީހެއްގެ ދެމެދުގައި އޮންނަ އެންމެ ކުރު ދުރުމިނެވެ. އެކުވެރިކަމާއި ހިތްހެޔޮކަމާއި ހިތް ހަލާސްކަން އިހުސާސްކޮށްލަ ދިނުމަށް ހިނިތުންވެލާށެވެ،
ހަނދާންކޮށްލަން ޖެހޭ ނުކުތާއަކީ ކޮންމެ ބަހުރަވަޔަކުން ވާހަކަ ދެއްކި ނަމަވެސް ކޮންމެ މީހަކަށް އެންމެ ހިތްގައިމު އަދި އެންމެ މުހިންމު އަޑަކަށް ވެގެންދަނީ އެމީހާގެ އަމިއްލަ ނަން ކަންފަތައް އިވިގެންދާ ވަގުތުކަމެވެ. އެހެންކަމުން ވާހަކަ ދައްކާއިރު އަޑުއަހާމީހާ ސަމާލުކަން ގެއްލުނަ ނުދިނުމުގެ ގޮތުން އަޑުއަހާ މީހާގެ ސީދާ ނަމުން މުހާތަބުކޮށް ވާހަކަ ދައްކާށެވެ.
ހިތްހަމަ ނުޖެހޭ ކަމަކާއި ނުވަތަ  ހިތްހަމަ ނުޖެހިފައި ހުރި މީހަކާއި ވާހަކަދައްކަން ފަށައިގަންނަ އިރު އެކެއް ސުމަކުން ބަލިވެގެން ފަށައިގަތުން (ނެގެޓިވް ވިސްނުމަކުން ފެށުން) މީގެ ބަދަލުގައި ޕޮޒިޓިވްކޮށް އިނދެގެން ކުރިއަށް ގެންދާށެވެ. ފަހުން ޤަބޫލު ކުރެވިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވުމަކީ ވެދާނެ ކަމެކެވެ. އަނެއްމީހާގެ ފަރާތުން ކުޑަކުޑަ އެހީތެރިކަމެއް ނުވަތަ ހިތްވަރުގެ ބަހެއް ލިބޭ ވަގުތުތަކުގައި ކުރިމަތީގައި ސާފުބަހުން ޝުކުރުވެރިވާށެވެ.
ގުޅިގެން ޓީމެއްގެ ގޮތުގައި ކުރެވޭ ކަންކަމާއި ހިންގޭ މުއާމަލާތްތަކުގައި “އަހަރެން” މިހެން ބުނުމުގެ ބަދަލުގައި “އަހަރެމެން” ބޭނުން ކުރާށެވެ.
އަބަދު ތިމާއަކީ އެންމެ ރަނގަޅު ފަޅީގައި ހުންނަ މީހާކަން ގަބޫލު ކުރުމުގެ ބަދަލުގައި އިންސާނަކަށް ވީތީ ގޯސްވެސް ހެދޭނެކަން ވިސްނާ ބުޅިކެނޑޭނީ ކެޔޮޅު އަތުންކަން ދެނެގަނެ އަމިއްލައަށް ހެދޭ ގޯސްތައްވެސް ގަބޫލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

ފަރުދީ ގުޅުމުގެ ހުނަރު ތަރައްޤީ ކުރުމުގައި އެތައް ބައިވަރު ގޮތްތަކެއްވާއިރި މިމިންވަރަކީވެސް އާއްމުފަރުދަކަށް މިކަން ރަނގަޅުގޮތުގައި ހާޞިލުކުރުމަށް ހެޔޮވަރުގެ މައުލޫމާތު ކޮޅެއްކަމަށް އުންމީދުކުރެވެއެވެ. މިފަދަ ހިލުމީ އަދި ލުއި ހުނަރުތަކަކީ އެއްފަހަރާ ލިޔުމަކުން ބަޔާން ކޮށްދެވޭވަރަށްވުރެ އޭގެ ޒާތުގައި ބޮޑަތި އަދި ދިރިއުޅުމުގެ ހުރިހާ ރޮނގަކާއިވެސް ގުޅިލާމެގިފައިވާ ކަންކަމެވެ.