ސެންޕާއިގެ ފިކުރު ކޮލަމް
އެވޭލާ ޒަމާނުގައި ހޯދިފައިވާ ހޯދުންތަކުގެ އަލީގައި އެއިރުގެ މީހުން ގަބޫލުކުރާގޮތުގައި ދުނިޔެ އަކީ “ސްޓޭޝަނަރީ” އެއްޗެކެވެ. ދުނިޔެވަނީ ކާއިނާތުގެ މެދުގައި ކަމުގައިވެފާ ތަރިތަކާއި އެހެނިހެން އެއްޗިއްސަކީ އެއްވެސް ހަމައެއް ނެތި ދުނިޔެވަށާ ދަތުރުކުރަމުންދާ ތަކެތިކަމުގައި އެމީހުން ގަބޫލު ކުރަމުން ދިއައެވެ. އެހެން ނަމަވެސް އެތައް ގަރުނެއްފަހުން، ފަލަކީ އިލްމުވެރިންނަށް ހޯދިފައިވަނީ ކާއިނާތުގައިވާ ތަކެއްޗަކީ ވަކި އުސޫލުތަކެއްގެ މަތިން ދައުރުވަމުންދާ ތަކެތިކަމުގައެވެ. މިގޮތުން ދުނިޔެއަކީވެސް ކުރިން ބުނިކަހަލަ “ސްޓޭޝަނަރީ” އެއްޗެއް ނޫން ކަމެވެެ. ބައެއް ތަރިތަކަކީ އެއްވެސް ދައުރުވުމެއްނެތި އެ އެއްޗަކަށް ކަނޑަ އެޅީފައިވާ ހިސާބެއްގައި ހުއްޓި ހުންނަ ތަކެއްޗެވެ. އެހެންނަމަވެސް ދުނިޔެ އޭގެ އަމިއްލަ ޒާތުގައި ދައުރުވަމުންދާތީ އެތަރިތަކަކީ ދައުރުކުރާ ތަރިތަކެއް ކަމުގައި ހީވަނީއެވެ. މިގޮތުން 16 ވަނަ ގަރުނުގެ ކުރީކޮޅު ޓެލެސްކޯޕެއް ވުޖޫދަށްނެރެވި، ދުނިޔޭގެ ދައުރުވުންތަކާއި ކާއިނާތުގައިވާ އެހެނިހެން ތަކެއްޗާ ބެހޭ ހޯދުންތައް ހޯދަންފެށުނެވެ. މިހާ ހިސާބުން ފަލަކީ ޢިލްމްގައި އިންސާނުން ގުނަން ފެށީ މުޅިން އާ ޞަފްޙާ ތަކެކެވެ.
ދުނިޔެ ދައުރު ވަމުންދާ ގޮތް ބެހިގެންވަނީ ދެ ގޮތެއްގެ މައްޗަށެވެ. އެއީ ދުނިޔެ އޭގެ އަމިއްލަ ޒާތުގައި ދައުރުވުމާއި އަދި އިރުވަށައިގެން ދައުރުވާ ދައުރުވުމެވެ. ދުނިޔެ އޭގެ އަމިއްލަޒާތުގައި ދައުރުވުމުން އަހަރެމެންނަށް އެއްރެޔާއި އެއްދުވަސް ލިބެއެވެ. އެހެނީ ދުނިޔެ އޭގެ އަމިއްލަޒާތުގައި ދައުރުކޮށް ނިމުމަށް 23 ގަޑިއިރާއި 56 މިނެޓާއި   4.1 ސިކުންތު ނަގައެވެ. އަދި ހަމަ މިއާއި އެކު، އިރު ވަށައިގެން ދުނިޔެ ދައުރުކުރުމުން އަހަރެމެންނަށް އެއް އަހަރުލިބެއެވެ. އެއީ އިރުވަށައިގެން ދުނިޔެ ބުރެއް ޖެހުމަށް 365 ދުވަސް ނަގައެވެ. އެހެންކަމުން އަހަރުމެންނަށް ވަގުތު އަންގާދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ އިރު ހަނދާއި ތަރިތަކެވެ.
އަހަރެމެން އުޅެމުންމިދާ “ސޯލާރ ސިސްޓަމް” ނުވަތަ އިރުގެ ނިޒާމްގައި އިރާއި އެތައް “ޕްލެނެޓް” ތަކަކާއި ދުންތަރިތަކާއި ހަނދުތަކެއް ވެއެވެ. މިގޮތުން އެކި ޕްލެނެޓް ތަކުގައި އެކިއަދަދަށް ހަނދުހުރެެއެވެ. ސައިންސްގެ އަލީގައި ބުނާކަމުގައި ވަނީނަމަ ހަނދަކީ، ގުދުރަތީ “ސެޓްލައިޓެކެވެ”. ސެޓްލައިޓެކޭ ބުނުމުން އަހަރެމެން ކޮންމެމީހަކަށް ވެސް ހަނދާނަށް އަންނާނީ،  އެމެރިކާއިން ނޫނީ ނާސާއިން އަދި ނޫނީ އެހެންތާކުން ޖައްވަށް ފޮނުވައިގެން އުޅޭ އެެއްޗެއްގެ ވާހަކައެވެ.  ޤުދުރަތީ ސެޓްލައިޓަކީ ޕްލެނެޓެއް ނުނީ ތަރިއެއް ވަށާ، އެޕްލެނެޓް ނުވަތަ ތަރިއެއްގެ ބިމަށް ދަމާ ބާރަށް (ގްރެވިޓޭޝަނަލް ފޯރސް) ވަކި ގޮތަކަށް ދައުރުކުރާ ހަނދެއް، “ބޮޑީ” އެއް ނުވަތަ މެޝިނެކެވެ. މިސާލަކަށް ހަނދަކީ ގުދުރަތީ ސެޓްލައިޓެކޭ ބުނެވެނީ، ދުނިޔޭގެ ބިމަށް ދަމާ ބާރުން ދުނިޔެވަށާ ވަކި އުސޫލަކުން ދަތުރު ކުރަމުންދާ އެއްޗަކަށްވާތީވެއެވެ. އަދި ހަމަ މިއާއިއެކު ދުނިޔެއާއި ހަނދާ ދެމެދު ހުންނަ ގްރެވިޓޭޝަނަލް ފޯރސް ގެ ބާރުން މޫސުންތަކާއި ދުނިޔޭގެ ދިރުން ކޮންޓްރޯލް ކުރެއެވެ.
ދެންމިހާ ހިސާބުން އުފެދޭ ސުވާލަކީ އިރަކީ ކޮން އެއްޗެއްކަމެވެ. އިރަކީވެސް ސައިންސްގެ އަލީގައި ބުނާކަމުގައި ވަނީނަމަ “ސޯލަރ ސިސްޓަމް” މެދުގައިވާ ތަރިއެކެވެ .އަހަރެމެންގެ “ސޯލަރ ސިސްޓަމް” ނުވަތަ މި އިރުގެ ނިޒާމުގައިވާ ހަމަ އެކަނި އަލި އަދި ހަކަތަ ލިއްބައިދޭ އެއްޗަކީ އިރެވެ. މިތަރި އަކީ އަހަރެމެންގެ ދުނިޔެ އާއި އެންމެ ކައިރީގައި ތަރިވެސްމެއެވެ. މާސިންގާ ބޮޑު ކާއިނާތުގެ ތެރޭގައި، އަހަރުމެންގެ އިރާއި އަޅާކިއާވެސް ނުލެވޭހާ ބިޔަ ތަރިތައް ވާ ކަން ހޯދުންތަކުން ވަނީ އެނގިފައެވެ. ބައިވަރު “ސޯލަރ ސިސްޓަމް” ތަކެއް އެކުވެގެން “ގެލެކްސީ” ނުވަތަ މަޑި ކިލަނބު އުފެދެއެވެ. ފަލަކީ އިލްމްވެރިންނަށްވެސް މިކާއިނާތުގައި ވަނީ ކިތައް “ގެލެކްސީ” ކަމެއް އަދި ހޯދިފައެތްނެތެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދިފައިވަނީ ވަރަށް މަދު “ގެލެކްސީ” ތަކެކެވެ. އޭގެ ތެރެއިން އަހަރެމެން މި އުޅޭ ދުނިޔެ ނިސްބަތް ވަނީ “މިލްކީވޭ” ކިޔާ މަޑި ކިލަނބަށެވެ. އެންމެ ކައިރީގާވާ ނުވަތަ އަހަރުމެންގެ އަވަށްޓެރި މަޑި ކިލަނބާއި (އެންޑްރޯމެޑާ) ދުނިޔެއާއި ދެމެދު ވަނީ ގާތްގަނޑަކަށް 2.5 މިލިއަން އަލި އަހަރުގެ ރާސްތާއެކެވެ. މި ކާއިނާތުގެ ބޮޑުކަން ތިބޭފުޅުން ވިސްނަވާލައްވާށެވެ!
ކާއިނާތުގައި މިވާ ކަންތައްތަކުގެ ތެރެޔަށް ތީގެ ތެރެއިން ވިސްނާ ފިކުރުކޮށްލަނީ ކިތައް ބޭފުޅުންތޯއެވެ؟ ކާއިނާތުގައި މިވާ އެއްވެސް އެއްޗަކީ އެކަތި އަނެކެއްޗަށް ފުށުއެރުމެއްނުވާ ގޮތަށް ފުރިހަމަ ކަމާއި އެކު އުފައްދަވާތަކެއްޗެވެ. ވިސްނާލި ކޮންމެކަމަކުން އެކަލާނގެ ކުޅަދުންވަންތަކަން ފެނިގެންދެއެވެ. މިގޮތުން ތިރީގައި އެވާ ސޫރަތުލް ނަމްލްގެ 88ވަނަ އާޔަތުގެ މާނައަށް ބައްލަވާލައްވާށެވެ.
” އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ ހާލު،ތިބާ ހީކުރަނީ، އެތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) ﷲ ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން ،އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ސޫރަތުލް ނަމްލްގެ މިއާޔަތުގެ މާނައަށް ޤްރްއާންގެ ތަފްސީރާއިއެކު ކޮންމެ ބޭފުޅަކު ވިސްނާލުން ކީއްތޯއެވެ.