Untitled-33

ބަންދުވެފައިވާ ސިޑިގޮޅިން އަރަން ފެށުމާއި އެކު ކޮންމެ ފަހަރަކުވެސް ނޭފަތް ދަމާލެވެނީ ނިޒީގެ މީރު ސެންޓުގެ ވަސް ނޯށުގައި ހިއްޕާލުމަށެވެ. ނިޒީ ސިޑިން އަރާ ފައިބައިފިނަމަ އެވަހަކީ ދިގުދެމިގެންދާ ވަހެއްކަން އަހަރެންނަށް ތަޖުރިބާ ކުރެވު ދުވަހުން ފެށިގެން އެވަހަށް އިންތިޒާރު ކުރެވެއެވެ. ނަމަވެސް އެވަހުގެ މީރުކަމަކީ ކޮންމެ ފަހަރަކު ލިބޭނޭ ފޮނުމީރުކަމެއް ނޫނެވެ. ނަމަވެސް ސިޑިންގ އަރައިގެން އައިސް ދެވަނަ ބުރިއަށް ހުއްޓިފައި ގެއަށް ވަންނަ އިރު ދޮރުކައިރީގައި ބަހައްޓާފައިވާ ދިގުކަށިލީ ނިޒީގެ ރީތި އުސްފައިވާން ފެނިފައި ހިތަށް ވެރިވެގަންނަނީ ނިޒީގެ ރީތިކަމެވެ. ނިޒީގެ “ހަތްދެވި” އެމަންޒަރާއި އެކު ހިތަށް ކުޅަދާނަ ނުވާ އެނެއް މަންޒަރަކީ ނިޒީގެ ފައިވާންތައް ކައިރީގައި އޭނާގެ ފިރިމީހަގެ ބޫޓު ހުންނަތަން ފެނުމެވެ. ހިތަށް ކަށިޖަހަން ފަށަނީ އެދެމީހުން އެޕާރޓްމަންޓްގައި މިނިވަންކަމާއިއެކު އުޅޭ ގޮތް ފެނިފައިވާތީއެވެ. ހަތަރު ފުޓޫ ތިންފޫޓުގެ ކޮންކްރިޓް ޝީޓުމަތީގައި އަހަރެންގެ ބޫޓު ބަހައްޓަން މިޖެހެނީ ތަޅުލާފައިވާ ނިޒީގެ ދޮރާއި ފިޔަވަޅެއްހައި ދުރުގައެވެ. އަހަރެންގެ އެޕާރޓްމަންޓާއި މޫނައި މޫނު ޖެހޭ ގޮތަށް އެއްފަންގިފިލާއަކުން ނިޒީ އުޅޭނެތަނެއް ކުއްޔަށް ހިފައިގެން އައީ އަހަރެންގެ ހިތް ރޮއްވަން ނޫން ދެން ކީއްކުރަން ހެއްޔެވެ.

އަހަރެންނާއި މެދު ނިޒީގެ ހިތުގައި އޮތީ ކޮންއެއްޗެއްކަން ބަލަން އިންތިހާއަށް ބޭނުންވެއެވެ. އަހަރެން ދެމީހުންނަކީ އެއްޒަމާނެއްގައި ލަވައިން ބުނެލި ދެމީހުންނެވެ. އެފަދަ ގޮތަކަށް މެސެޖެއް ފޮނުވައިނަމަ ނިޒީއަށް އަހަރެންކަން ޔަޤީން ވާނެކަން މުޖައްރިބެވެ. އަހަރެންނާއި މިހާކައިރީގައި ފެނިދެނިވެ އުޅެމުންދާއިރު ޕޮޒިޓިވްކޮށް ވިޔަސް އަދި ނެގެޓިވްކޮށް ވިޔަސް ވަގުތެއް ހޯދައިގެން އަހަންނާއި މެދު ވިސްނާނެކަން އަހަރެންނަށް އިހުސާސް ކުރެވެއެވެ. ހިތާއި ހިތުގެ ގުޅުމެއް އުފެދިފައިވާ ދެފުރާނައެއް ދެމެދުގައިވާ ހަވަނަ ހިއްސު ނުވަތަ ޓެލެޕަތީއަކީ ވުޖޫތުގައި އޮންނާނެ އެއްޗެއްކަން އަހަރެންނަށް އެނގެއެވެ.

އަހަރެންގެ ފޯނުން ނިޒީއަށް މެސެޖް ކުރީމެވެ.

ހަތަރެސްކަން ހަމަވެގެން ދިޔައީ ޖަވާބުގެ އިންތިޒާރުގައި އޮއްވައި ޝިމްލާ ހޭލާފައި ފުރުޅިގަންތަނާ މެސެޖްގެ ޖަބާވު ލިބުމުންނެވެ. ނިޒީ ފޮނުވި މެސެޖަށް ވުރެ އޭގެ މަތީގައި އޮތް އަހަރެންގެ މެސެޖް ފެނިފައި އެނދުމަތީގައި އޮތް ޝިމްލާ ކައިރިއަށް އައީ ދަވިރުޅިއެވެ. ދެކޯފުއްޕާފައި ދޮރު ބަޑިއަކަށް ޖަހާފައި ގޮސް ގުޅައަކަށް ޖެހުނީ ސިޓިންގ ރޫމުގައި ހުރި ސޯފާ މައްޗަށެވެ. ޝިމްލާ ރުޅިއައުމުން އަހަރެންނަށް ކުރި އަސަރެއް ނެތެވެ.

އޮފީހުން އައިސް ގެއަށް ވަންނަ އިރު ޅިނދުމަތި ކާޅަށް ދީގެން އޮވެ ނިދުން ނޫން ކަމެއް ނުކުރެއެވެ. ރޭވެއްޖެއްޔާ ޓީވީ ބެލުން ނޫންކަމެއް ނުކުރެއެވެ. ދަރިފުޅުގެ ނެޕީ ބަދަލުކުރި ދުވަހެއް ހަނދާނުގެ ކަންފުޅެއްގައި ވެސް ނުހުންނާނެއެވެ. ހައްތާވެސް ގޭގައި ގެންގުޅޭ ބޭރުމީހާއެވެ. ނިޒީގެ ފިރިމާއަށް އޯގަތެރިކަމާއި އެކު ކާންހަދައިދީ ދެމީހުން އެކުގައި ލޯބިން ކާންތިބޭ މަންޒަރަކީ ބައެއް ފަހަރަށް ކަޝްފުވެފައިވާ ދޮރުފޮތިގަނޑުގެ ތެރެއިން އަހަރެންނަށް ފެނިފައިވާ މަންޒަރެވެ. އަހަރެންގެ ކާމޭޒާއި ދިމާ ދޮރުގައި ފޮތިގަނޑެއް ނުހުންނަކަން އެނގޭއިރު، ނިޒީގެ ފޮތިގަނޑު ކަހާފައި ހުންނައިރު ވައިގޮޅިތެރެއަށް ނޫން އިތުރު ތަނަކަށް އަހަރެންގެ ނަޒަރު އަމާޒެއް ނުވެއެވެ. އަހަރެންގެ ކާމޭޒް ކައިރީގައި  އެކަނި ކާންއިންނަ ވަގުތު ގޭގައި ގެންގުޅޭ ބޭރުމީހާ އަހަރެންގެ ކާތަށިމަތި ބަލަހައްޓަން ކޮޅަށް ހުންނަ މަންޒުރު ބަލާފައި އަހަރެންނަށް ސިއްރުން މަލާމާތްކުރާނެކަން ޔަޤީނެވެ. ސޯފާއަށް ކުރުގެޅިފައިވާ ޝިމްލާ ރުއްސަން ދިޔުމަށްވުރެ އަހަރެންނަށް މުހިންމުވީ ނިޒީގެ ހިތުގައި އަހަރެންނާއި މެދު އޮތް އެއްޗެއް އެނގުމުން އެކަމާއި ފިކުރުކުރުމަށެވެ.

މާޒީގެ ހަނދާތައްގޮސް ބީއްސާލީ ހަނިމަދޫގެ ރީތި ދިގު ގޮނޑުދޮށަށެވެ. ފޫދެއްމުންއައި ދިޔަވަރާއި އެކު މަޑުމަޑުން ބީއްސަމުން ދިޔަ ބާނިތަކުތެރޭގައި ތަނބިކަށިތާފެނަށް އެރިގެން ނިޒީގެ ފަރިހިނގުމުގައި ހިނިތުންވުމާއި އެކު އައިވަގުތު އެރިތީ މަރިޔާދު ހިނގުމުން ހިތްކަތިލާލިއެވެ. ނިޒީގެ އަލިމޫނު އަހަރެންނާއި ދިމައަށް ބަލާލިގޮތުން ހިތުގައި ކޫރުއެޅުނެވެ. ހައިރާންވެފައި ހުއްޓާ އަހަރެންގެ ގަދަ ހިތް ބަލިކޮށްލީ ކައިރިއަށް އައިސް ހުއްޓުނު ގޮތުންނެވެ. ކުއްޑައިއްބެ ފަދަ މީހަކަށް އަހަރެން ނުވިކަމުގައި ވިޔަސް މަސްބާނާ ކަންވާރު އޮޅާފައިއޮތް ފުޅި ގިޓައަކަށް ހަދާފައި އޭރުގެ އެންމެ މަސްހޫރު ލަވަ ވޭވްސް ބޭންޑްގެ “އެދެމޭ ކަލާޔާ ގާތުގާވުމަށް” މިލަވަ ފެށުމާއި އެކު ނިޒީ ބިނދި ހަރުދަނޑިވެއްޖެއެވެ.

އެގޮތަށް އަހަރެން އަމަލުކުރީ ދެރަނުވާން ވެގެންނެވެ. ކުރާނެކަމެއް ނޭގިގެންނެވެ. ނިޒީ އާއި އަހަރެން ސަމާސާކުރަމެވެ. އަހަރެންގެ ސާރޗް އިންޖީނުން ބަލާހޯދާއިރު އެންމެ ފުރަތަމަވެސް ސިކުނޑީގައިވާ ގޫގުލްއަށް އަންނަ ނަމަކީ ރަސްރަނި ކަމަނާ ނިޒީއެވެ. ދައްކާލާ ތަސްވީރަކީ ނިޒީގެ ނިޔަނެތި މޫނެވެ. ތިލަކޮށް ބުނާނަމަ ނިޒީއަށް އަހަރެންގެ ހިތްވަނީ ދޫވެގެން ގޮސްފައެވެ. ސިއްރުން ހިތާވެވިފައެވެ. ނިޒީގެ ހިތުގައި ގެންގުޅެނީ ކާކުގެ ހިޔާލުތަކެއްކަމެއް އަހަރެންނަކަށް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ ކޮންވެސް ފިރިހެނެއްގެ ހިޔާލު ގެންގުޅޭނެކަމެވެ. ނިޒީ ކައިރީގައި އަންނާށޭ ބުނީ ސަމާސާއަކަށެވެ. އެގޮތަށް އެތަށް ފަހަރަކު ސަމާސަކުރެވިފައި ހުންނާނެއެވެ. ނަމަވެސް އެދުވަހު ނިޒީ ނިންމި ނިންމުމަކީ އަހަރެންގެ ހިތުގައިވާ އިންތިޒާރުގެ ނިމުން ކައިރިކުރުވާނެ ހެޔޮފަލެއް ކަމުގައި ދެކުނީމެވެ. އެހެނަސް އެކަން ވެގެން ދިޔައީ އަހަންނަށް ލިބުނު ސަޕްރައިޒްއަކަށެވެ.

ނިޒީގެ އަތުގައި އަހަރެން ބާރަށް ހިފީމެވެ. ދެމީހުން އެކުގައި ހިނގަމުންގޮސް އެއްގަމަށް އަރައި ދިގު އަތިރިމަތީގައި ހިނގަމުންގޮސް ހޭޅިފަށުގައި ހުރި މަގޫފަލުގެ ތެރޭގައި އިށީނީމެވެ.

ނިޒީގެ ދޮންކޯތާފަތާއި ދިމަ ބަލަހައްޓައިގެން އަހަރެންނަށް އިރުކޮޅަކު އިނދެވުނެވެ. އޮޅާފައިވާ ޝޯލާއި އެކު މޫނުގެ ބައްޓަންވަނީ ބުރުވައް ހަނދެކޭ އެއްގޮތްކޮށްލާފައެވެ. މައުސޫމް ރީތި ދެލޯ މަރާލާފައި ލަދުރަކިކަން ދައްކާލިވަގުތު، މިޔަކަންދަމާލާފައި ވީ ހިނިތުންވުމާއި އެކު ސްޓްރެޗް ވެގެން ދިޔަ ފިޔާތޮށި ކުލައިގެ ތުންފަތަށް ދަހިވެތިވެވުނެވެ.

“ނިޒީ ދެކެ އަހަރެންނަށް ލޯބިވެވިގެން އުޅޭތާ ކިތަންމެ ދުވަހެއް، ވަރަށް ލޯބިވޭ”

އަހަރެންގެ މިބަސްތަކާއި އެކު ނިޒީ ހިނުތުންވެލާފައި އިސްދަށަށް ޖަހާލިއެވެ. ދެކަކުލުގައި ދެއަތުން ހިފައި ބައްދާލައިގެން އިށީނދެއިން ނިޒީގެ މޫނުވަތަށް ޖަހާ އަހަރެންނަށް ފޮރުވާލިއެވެ.

ނިޒީގެ ކޮލުގައި ހިފާލުމާއި އެކު ބޯހިއްލާލާ އަހަރެންނާއި ބޯކައިރިކޮށްލާ އަހަރެންގެ ކޮނޑުގައި މޫނު ޖައްސާލިއެވެ.

“ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ، ރަކިވީހެއްޔޭ ލޯ ތިޔަ މަރާލީ”

އުމަރު ޒާހިރު ކިޔާފައިވާ މޫނޭ ތީ ހިތްއެދޭ ލަވައިގެ ޖުމްލައާއި އެކު ނިޒީގެ ހިއްސުތައް ހޭލައްވާލިއެވެ.

” މީހުން ނުވާ ތާކަށް ހިނގާ، ބޭޒާރުވުން ގާތޭ މިތާ….”

ނިޒީގެ ތޫލި އަޑުން މިހެން ބުނެލުމާއި އެކު އަހަރެންނަށް ބުނެވުނީ

“ވާއޯ، އޮމާންކަން، އެކަމު މިއަށްވުރެ މީހުން ނުވާތަނެއް ނިކަން ބުނެލަ،”

މިހެން ބުނެފައި އަހަރެން ސަމާސާކުރީމެވެ. އެސަމާސާތަކަށް ނިޒީ ރުހި ގަބޫލުވާ ހާލުގައި ލައިވައިން ބުނެލަމުންގޮސް އަތުން ސަމާސާކުރެވި، ހިތުގައި އޮތް ގާތްކަން ހަށިގަނޑާއި ގާތްކުރެވުނެވެ. ދެމީހުންގެ ހޫނު ނޭވާ ގުޅި ލާމެހުނެވެ. ތުންފަތުގައިވާ ތެތްކަމާއި ހިސާބަށް ސަމާސާގެ ރަހަ ލެވިގެން ދިޔައެވެ.

ހަވީރުގެ ފިނިޖެހި އިރުގެ ބާރު ކެނޑިފައިވާ ވަގުތު މަގޫފަލުން ނިކުމެ ދެމީހުން ދެކޮޅަށް ހިގައިގަނެވުނުއިރު ވަނީ އެކަކު އަނެކަކަށް ހިތް ދެވި ލޯބިވެރިންގެ ގޮތުގައި ޓެގް ކުރެވިފައެވެ.

ނިޒީ ހިންގައިގަންފާ ބުނެލިއެވެ.

“ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަ ހުވާ”

ހިތްދެވިއްޖޭ ކަލޭފެނި ހުވާ އޭ ދެން ބުނުމެއް ނެތެވެ، އެމެސެޖް މިހާރުވަނީ ދެވި ނިމިފައެވެ، އަހަރެން މައުލޫ ބަދަލު ކޮށްލީމެވެ.

“ހާދަހާވޭ ކުރާހިތް ސަމާސާ، ރީތި ހީލުންތަކުން ދިން ދިލާސާ”

މިހެން ބުނުމާއި އެކު ދުރަށް ހިނގަމުންދިޔަ ނިޒީ ހުއްޓިލާފައި “ލޯބިކޮށް” ފަސް އެނބުރި ބަލާލިއެވެ.

އެއީ އަހަރެންގެ މާޒީގެ ސޮފުހާތަކުގައި ނިޒީ އައިސް ވަކިހިއްޕާލި ފުރަތަމަ ހާދިސާއެވެ. ދަތުރުނިންމާފައި އެނބުރި މާލެއަސް އައުމާއި އެކު އިޝާހިތަކު ނިޒީވެސް އައެވެ. އެއަށްފަހު އަހަރުމެން ދެމީހުންނަކީ އެކުއެކީގައި ލޯބިން ދުވަސްތައް ގުނަމުން ދިޔަ ދެ ލޯބިވެރިންނެވެ. ދުވަސްތަކެއްގައި ދެމީހުން އެކަކު އަނެކަކަށް ދަސްކޮށް އެކަކު އަނެކެއްގެ އިހުސާސްތަކަށް އޮރިއެންޓް ވުމަށްޓަކައި ދުވަސްތައް ހޭދަކުރީމެވެ.

އަހަރެންގެ ބަލިފަޔަކީ މީހުންގެ މާޒީއަށް ބަލާފައި ޖަޖްމަންޓް ނެރެ، ވަކިގޮތަކަށް ގޮތް ނިންމުމެވެ. ހަތްރީތި ރާނީއެއްފަދަ ނިޒީއާއި ވަތްކަނޑާލަންޖެހުނީ ނިޒީގެ މާޒީއައި ހެދިއެވެ. ހަޔާތަށް އަންނަ މީހަގެ މަޒީއަކީ ބަލަން ޖެހޭ އެއްޗެއް ނޫންކަމަށާއި އިންސަނުންނަކީވެސް ބަދަލުވާނެ ބަޔެއްކަމަށް ތަރުވާޒުގެ ފޭސްބުކް ޕޯސްޓް ތަކުގައި ހުންނާތީ ދެކެމެވެ. އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. އަހަރެން ހެދި ބެކްގްރައުންޑް އެސެސްމަންޓުން ނިޒީ ފެއިލްވެގެން ދިޔައީ މާކުރީ ޒަމާނެއްގައި މީހަކާއި އެކީގައި ދަންވަރު ކެޔޮފީންޏަކުން ނެރުނު ވާހަކަ އަޑުއިވުނު ދުވަހުން ފެށިގެންނެވެ.

” މަށަށް އެއްވެސް ގެރެންޓީއެއް ނެތް ނިޒީ އަހަރެންނަށް ވަފާތެރިވާނެކަމަށް، މީގެ ކުރީގައިވެސް މީހުން އަހަރެންނަށް ދީފައިވަނީ ކެހި”

މިއީ އަހަންނަށް އެންމެ ފަހުން ނިޒީއަށް މުހާތަބުކޮށް ބުނެވުނު ބަހެވެ.

ނިޒީގެ ރުއިމާއި ކެކުޅުމަކީ އެވަގުތު އަހަންނަށް ޖަޒްބާތަކަށް ނުވިއެވެ. ނިޒީގެ ރީތިކަމަށް ހެއްލެވުނީތީ އެދުވަހު އަހަރެންގެ ހިތް ރޮއްވާލިއެވެ.

ނިޒީގެ ބަދަލުނުވާ ޒުވާން ރީތިކަމާއި އެކު ސާފު ގެވެހި އަންބެއްގެ ރޯލު އަދާކުރާ މަންޒަރަކީ އެދުވަހު އަހަރެންނަށް ކުރެހުނު ތަސްވީރެއް ނޫނެވެ. އެދުވަހު އަހަންނާއި އެކު ލަވައިން ވާހަކަ ބުނެލި ތޫލި އަޑު ޖެހިގެން ހުރި އެޕާރޓްމަންޓުން ނިކުމެގެން އައިސް މިއަދު އަހަރެންނަށް އަސަރުކުރުވައެވެ. ނިޒީގެ ދަރިފުޅަށް ގުރުއާން ކިޔަވަދޭ އަޑާއި އަކުރުދަސްކޮށްދޭ އަޑަކީ ނިޒީ މިތަނަށް އައިތާ މިވީ ހަފްތާއެއްގެ ތެރޭގައި ކޮންމެ ދުވަހަކު އިވެމުންދާ އަޑުތަކެވެ. ކަންކަން ކުރުވުމަށް އެދަރިފުޅަށް “ދޫނީ” އޭ ކިޔާފައި ގޮވާލާވަގުތު އަހަރެންނާއި ދިމާއަށް އެދުވަހު “ދޫނީ” އޭ ކިޔާފައި ގޮވާލި ރާގާއި އަޑާއި  މިކްސްވެ މަޒީގެ ޖަޒްބާތުގައި އަހަރެން ގަންބާނުލާ ދުވަހެއް ނުދެއެވެ.

ފޯނުނަގާފައި ނިޒީ ފޮނުވި މެސެޖް ހަމަޖެހިގެން ކިޔާލުމަށް މެސެޖް ހުޅުވަލީމެވެ.

” ހަނދާނުން ކަލާގެ ނަން ފޮހެވެން ނެތުމުން ޖެހެޔޭ ގިސްލަ ގިސްލާ ރޯން”

އެއީ އަހަރެންގެ މެސެޖެވެ. އޭގެ ތިރީގައިވަނީ މިހެންނެވެ.

“ދޮގެކޭ ތިބުނަނީ ކާކުހޭ ވަކިވީ ދިންވޭނީ އަނިޔާއޭ”

އަހަރެންގެ ޝަހާދަތް އިނގިލިން ޓަޗްކޮށްލުމަށްފަހު ފޯނުގެ ކުނިވަށިގަނޑަށް ނިޒީގެ މެސެޖް ފޮނުވާލީ ކަރުނައިން ދެލޯ ތެތްމާލަމުންނެވެ. “މާޒީ ހަނދާންކުރާތީ ފިކިރު ހުސްވެފައިވަނީ” ހިތް ރޮއްވާލާފައެވެ.