ބީއެފް ސްކިނަރގެ އޮޕެރަންޓް ކޮންޑިޝަންއަކީ ލާރނިންގ ތިއަރީގައި މަސްހޫރު އަދި މުހުންމު ހިއްސާއެއް އޮންނަ ނަޒަރިއްޔާތެކެވެ. މިނަޒަރިއްޔާތަކީ ސައިކޮލަޖިސްޓެއްކަމަށްވާ ތޮންޑޮއިކްގެ ލޯ އޮފް އިފެކްޓްސް އަސްލަކަށް ވިސްނައިގެން އިތުރު ކަންކަމާއި އެކު ނެރެފައިވާ ނަޒަރިއްޔާތެކެވެ. މީދާ ބޭނުންކޮށްގެން ކޮއްޓަކަށް ލައިގެން ސްކިނަރ އަމިއްލައަށް ތަހްލީލުކޮށް ނަތީޖާ ބިނާކޮށްފައިވަނީ އަދަބު ލިބުމާއި މަންފާ ނުވަތަ ހިތްހަމަޖެހުން ލިބުމުން ބިހޭވިއަރއަށް އަންނަ ބަދަލުތަކެއްގެ މައްޗަށެވެ. މިތަހްލީލުގެ ނަތީޖާތަކަށްފަހު ސްކިނަރވަނީ ދަސްކުރުމުގެ މަރުހަލާގައި މުހިންމު ތިން ހާލަތެއްވާކަން ހާމަކޮށްފައެވެ.

ފުރަތަމަ ހާލަތުގައި ބުނެފައިވަނީ ކަމެއް ކޮށްގެން މަންފާއެއް ލިބިއްޖެނަމަ ނުވަތަ ލިބޭނެކަން ދަސްވެއްޖެ ނަމަ އެކަން ކުރުން ތަކުރާރުކުރުން ގިނަ ކުރާނެކަމަށެވެ. ( މަންފާގެ މިސާލު: ކާމިޔާބެއް ހޯދައިގެން ލިބޭ ޓްރޮފީ، އަދި ފަހުރުވެރިކަން އެކަމުގައި އުފަލުގައި ކުއްޖާ އެންމެ ބޭނުންވާ އެއްޗެއް ގަނެދިނުން)

ދެވަނަ ހާލަތު ބަޔާން ކުރަނީ ލިބޭ އަދަބުގެ މައްޗަށެވެ. ކަމެއް ކޮށްގެން އަދަބެއް ނުވަތަ އަނިޔާއެއް ދީފިނަމަ އެކަން ތަކުރާރުކުރުން މަދުކުރާނެ ކަމަށެވެ. ( އަދަބުގެ މިސާލު: ގޯސް ކަމެއް ކޮށްފިނަމަ އެކުއްޖާ ކުރާހިތްވާކަމެއް (ގޭމު ކުޅުން ފަދަ ކަންކަން) ކުރިޔަ ނުދީ ވަގުތީ ގޮތުން އެކަމުން މަހުރޫމް ކުރުވުން، ކުލާހުގައި ކޮޅަށް ބެހެއްޓުން)

ތިންވަނަ ރައުޔު ހާމަކޮށްފައިވާގޮތުން އަދަބެއް އަދި މަންފާއެއް ނުލިބޭނަމަ ކަންކުރުމުގައި ފަރުވާލެއް ނެތެވެ. އަދި އެބިހޭވިއަރ ތަކުރާރުވުން ގިނަވުމާއި މަދުވުމުގައި އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މިދެކަންތައްވެސް އިންތިހާއަށް ގިނަވެއްޖެނަމަ އެކަންކަމަށް ހޭނުމުގެ ސަބަބުން ކަންކުރުމުގައި ފަރުވާލެއް ނޯންނާނެކަމަށެވެ.

ވީމާ ސްކިނަރގެ ބިހޭވިއަރަލް ތިއަރީ ބިނާވެފައިވަނީ އެހެން މީހެއްގެ ފުށުން އަންނަ ކަންކަމުގެ ތެރެއިން ކުއްޖާގެ ބިހޭވިއަރ ބައްޓަންވެގެން ދާގޮތަށެވެ.

ސްކިނަރގެ ހިޔާލާއި މެދު ފުންކޮސް ވިސަނާ ފިކުރު ކުރުމުން ދޭހަކުރެވެނީ ތުއްތުއިރުން ފެށިގެން ދެވޭ ތަރުބިއްޔަތުގައި ލިބޭ އަދަބާއި އުފާކޮށްދިނުމަށް ދެވޭ ތަފާތު މަންފާއަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމެވެ. މިކަންކަންވެސް ކުއްޖާއާއި ދޭތެރޭ ކުރާއިރު އިންތިހާ ދަރަޖައަށް ގޮސްފިނަމަ އަދަބަކުންވެސް އަދި މަންފާއަކުންވެސް އޭގެ އަސަރެއް ނުފެންނާނެކަމެވެ. އެހެންކަމުން އަދަބު ދިނުމާއި މަންފާ ދިނުމުގައި މިންގަޑެއް ގެންގުޅެން ޖެހެއެވެ.

ސްކިނަރގެ ތިންވަނަ ހަމައިގާ ބުނެފައިވާ ބުނުން، ދިވެހި ކާބަފައިންވެސް ވަނީ ކުރު ޖުމްލައަކުން ބުނެދީފައެވެ. “ވަޅު ކައްޓަފޫޅި ދަންޏަކަށް ނުސިހޭނެއެވެ” މި ހަރުބަހުގެ މުރާދަކީވެސް ނަފްސާނީ ޢިލުމުގައި ހިމެނޭ ތަރުބިއްޔަތު ކުރުމުގެ ދާއިރާއާއި ގުޅުންހުރި ހަރުބަހެކެވެ.