Untitled-34

ކުޑަ ފުސްކޮޅެއްގެ މިންވަރުވެސް ފެންނަން ނެތްއިރު އުޑު ހީވަނީ ނޫކުލައިގެ އިސްޓިކާއެއް އެތެރޭގައި ތަތްކޮށްފައިވާ އޮމާން ގުއްބެއްހެންނެވެ. ސާފު އުޑުގައި އަނގުރު ގަނޑެއްހެން ދޮންކޮށްފައިވާ މެންދުރުގެ އިރު ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އިސްދޫމުލިން ފެށިގެން ހުވަދޫ ކަނޑު އޮބާ ހިސާބަށް ރީތި ސާފުކަން ވަނީ ދެމިގެން ގޮސްފައެވެ. މަތިން ބަލާއިރު ހައްދުންމަތި ފެންނަން އޮތީ ބައްޓަން ގެއްލިފައިވާ ހިރުނދުފަތެއް ކަނޑުމެދުގައި ބައްވާފައި އޮތް ހެންނެވެ.

މެންދުރުގެ ދިލަ ހޫނުކަންމަތީގައި އެއްގަހުން އަނެއްގަހަށް ވައްލަހިވަމުންދާ ވަލުތެރޭގެ ދޫނި ސޫފާސޫތްފަށް ކަރުހިއްކުން ފިލުވައިދޭ އެންމެ ފައްކާ މަންޒިލަކީ ކަތިވަޅި ބައްޓަމަށް އުފެދިފައިވާ މާބިން ރަށުގެ މެދަކާއި ހިސާބުގައި އޮތް ރަތް ފެންގަޑެވެ. ނަސީބު ދިމާކުރިގޮތުން މާދުރުން އުދުހިފައި އައިސް ރާނީގެ ހަޔާތުގެ ބާކީބައި ހޭދަކުރަން ޖެހިފައިމިވަނީ ދެކުނު އިންޑިއާގެ ކަވޭރީ ކޯރުން ތަންތަންކޮޅު ފެންނަ ފަދައިން ގަމަށް އައިމަގުމަތީގައި މަތިންދާބޯޓުގެ ކުޑަދޮރުން ފެނުނު ރަތްފެންގަޑުގައެވެ. ރާނީގެ ލޮލުގެ ފިނިކަމަކީ އެފެންގަޑެވެ. މީހުން ކިޔާގޮތުންވެއްޖެއްޔާ ގަމުގައި އޮންނަ “ނަރަކަ” ފެންގަޑެވެ. ރީތިކޮށް ކިޔާނަމަ ޕަރީ ފެންގަޑެވެ.

ފެންގަޑުކައިރީގައި މާޖަންގަލީގައި ހަދާފައިވާ ކޮޓޭޖެއްކަހަލަ ކުޑަ ރީތި ގެޔަކީ ވަކި މަޤްސަދެއް ހާސިލުކުރުމަށް މީހަކު ތަޅާބުރުވަލާފައިވާ ލާރިގަނޑެކެވެ. ތުނޑީ ކޮޅުން ފެށިގެން ގޮސް މުކުރިމަގާއި ހިސަބަށް ތިން ދިމާލެއްގައި މީހުން އާބާދުވެފައިވާ އިރު ފެންގަޑެއްކައިރީގައި ވަކިން ހުރި ކުޑަ ގޭގައި ރާނީ އިންނަތާ އެއް މަސްވީއެވެ.

1998 އޭޕްރީލް 5 ވަނަ ދުވަހަކީ ރާނީ އާއި ޒަމީލްގެ ކައިވެއްޏަށް އެއްމަސް ފުރުނު ދުވަހެވެ. ދުވަހުގެ ހާއްސަކަން ވީހިސާބެއް ނޭނގޭއިރު ރާނީ ހިތުގައި އޮތީ ހުސްކޫރުމެވެ.

މިނޫން ގޮތެއް އަހަރެންނަށް ނެތީތަ؟  ރާނީ ހިތަށް އެރިއެވެ.

މޭޒުމަތީގައި ހުރި ފެންތަށިން ފެންފޮދެއް ބޯލާފައި ހިތްވަރުކޮށްލިއެވެ.

“މިރޭ މަޑުކުރޭ އަހަރެން ބިރުގަނޭ” ނުކެރި އިނދެ ބުންޏެވެ.

“ކޯޗެއް މިތާ އޮވެގެން ބިރުން ތިއުޅެނީ މިގެއަކު ކަލޭ ކާލާނެ އެއްޗެއް ނޫޅޭނެ” ކާން އިންތަށި ރާނީއާއި ދިމާލަށް ކޮށްޕާލުމަށްފަހު ގޮނޑި ދުރުކޮށްލާފައި ޒަމީލް ފުންމައިގަތެވެ. ރުންކުރުކަން ދައްކާލިއެވެ.

“އަޅެ ޕްލީސް ތިހެން ނުހަދަބަލަ”  ރާނީ އާދޭސްކުރިއެވެ.

 ފެންތަށިން ކޯވަރެއް އަނގަޔަށް އަޅާފައި ޒަމީލް ރާނީއާއި ދިމާއަށް ބަލާލިއިރު ހީވަނީ މާމެންދޫ ބޭރުމަތީގައި ފުއްޕާފައި ހުރި  ކަށިކޮއްޔައެއް ހެންނެވެ. ދުންބުރުވާލާފައި ޒަމީލް ނައްޓާލައިގެން ދިޔައިރު މޫތައްމަތިން ޓަކަޓަކަ އަޅާފައި ސްކޫޓަރުގަނޑު ފުމެމުން ދިޔަމަންޒަރު ބަލަން ރާނީ ހުރީ ފެންކަޅިވެފައެވެ.

“ރަށުން ބޭރުން މީހަކާ ކައިވެނި ކުރެވުނު މޮޔަ ހީވާނެ ހަމަ އެކަނި އަންހެނަކީ އަހަރެން ހެއްޔެވެ” ރާނީ ހިތާހިތާ ސުވާލުކުރިއެވެ. އިރުއޮއްސުނީއެވެ.

 ރޭގަނޑުގެ ހަނދު އެހެރީ ވޮށެއްހެން ދިއްލާފައެވެ. ބޯގަސްތައް ތެރެއިން އައިސް ތޫނު ހަނދުގެ ހަނދުވަރު ތަންތަންގަނޑަށް ގުޅަވަރުވަރަށް ފެންގަޑު ތެރެއަށް ފޭދިފައިވާއިރު ހީވަނީ ކުރެހުންތެރިއަކު ކެންވަސްއެއްގައި ތައްޔާރުކޮށްފައި އޮތް އެކްރެލިކް ޕެއިންޓެއްހެންނެވެ. ރަތްފެންގަނޑުގެ މެދުތެރޭގައި ހަނުހިމޭންވެފައި އޮތް ފެންހަރުފަ އޮޅިފޮޅިއެއްހެން އޮތްއިރު އޭގެ މެދުހަށިން ފެނުންމައްޗަށް ބުރިވަރުވަރު ހިއްލިފައި ހުއްޓެވެ. ރޯޅިއާއިއެކު ގޮފިތައް ހެލިގަންނައިރު ހާވިޔަވެގެން ހަނދުވަރު އަލި އެޅިގަންނައިރު ހަރުފައިގެ ތޮށިގަނޑު ވިދައިގަނެއެވެ. ހީވަނީ މަގުމަތީގައި އޮތް ކިސަޑު ފެންކޯރަކަށް ވެއްޓިފައި އޮތް ފަލަ ހާރަކަށް ބައިސްކަލް ބައްތި އެޅޭހެންނެވެ.

އެގަސްތަކުގެ ދަށުގައި ލަކުޑިން ހަދާފައިވާ ކުޑަގޭގައި ކަނިކޮށްފައިވާ ބޮކީގެ އަލީގައި މަޑު ތަންމަތީގައި ކަންނޭލުގައި ބައްދައިގެން ރާނީ އޮތީ ހަރުދަނޑިވެފައެވެ. ގަމުން ފެށިގެން މާންދޫ އާއި ކައްދޫ ހުރަސްކޮށް ފޮނަދޫގެ މެދުތެރޭގައި ހުރި ކޮޓަރިއެއްގައި ޒަމީލް އޮތީ ރަށުންބޭރުން އަރާހުރި ކަސްބީ އަންހެނެއްގައިގާ އޮޅުލައިގެން ނިދާފައެވެ. އެދުވަސް ނިމުނީއެވެ.

ދަމަކަށް އިރު އަރައިގެން އައިއިރު ނިދާ ހޭލިގޮތަށް ކުނިމޫނާއި އެކު ރާނީ ހުރީ ޓީޝާޓުގަޑެއް ލައިގެންނެވެ. ކުޑަދޮރުގައި ދެއޮޅަބުށި އަޅުވާލައިގެން މޭމަތި ދޮރުކަންޏާލައި ފިއްތާލައިގެން ފިސާރި ކަންނެތްކޮށް ރާނީ އޮތްއިރު، އެތެރެއިން ލާ ބާރު ސަމާނުތައް ހުރީ ކޮޓަރީގައި ހުރި ބުޅިގަނޑުގައި އެލުވިގޮތަށެވެ. ކިލަނބުފައިވާ ރަތްފެންގަޑަށް މޫނު އަނބުރައިގެން ހުރިއިރު ކުރިމަރުވެފާ ދިރިއުޅުމުގެ ފޫހިކަން ކުރިމަތީގައި އޮތް މިލަ ފެންގަޑެކޭ ތަފޭތެއް ނެތެވެ.

ހެނދުނު ހޭލާގޮތަށް ނުތެދުވެ އޮންނަން ފަސޭހައެވެ. ކައްކާފަ ކާންދޭނެ ފިރިއަކު ހުންނަނީ ހަމައެކަނި މެންދުރުވެގެން އަންނަ އިރުއެވެ.

މިއީ ދިރިއުޅުމެއް ހެއްޔެވެ.

މެންދުރު 11 ޖަހަންދެއް ނިދަން އޮންނަން ކޮންމެ އަންހެނަކަށްވެސް ފަސޭހައެވެ.

ކައިވެންޏެއް ކުރާނީ ރަނގަޅު އާދަތަކުގައި ދެމިހުންނާށެވެ.

ދުނިޔެއިން ފޫހިވެފައިވާ ރާނީގެ ހިތުގައި ވަނީ އުދާހެވެ.

“މަންމަ ކައިރީގައި ބުނެފީމެއްނުން ދޮރު އެހުރީ ބޭރުން ތަޅުލާފައެވެ. މިއީ ފަޅު ގެޔެކެވެ.”

“ނުވާނެ އެހެނެއް މިފަރާތުގައި މީހަކު ވާނެ”

އަދުހަމް އެހެން ބުނުމުން ދަލޭކަ އިންކާރުކުރިއެވެ.

ދަލޭކަ ބޭނުންވަނީ ގޭގެ އަނެއްފަރާތަށް ގޮސްގެންވެސް ރާނީއައި ބައްދަލުކުރާށެވެ. މަންމަގެ އަތުގައި ހިފައިގެން މޫގަނޑުގަނޑުން ނައްޓުވަމުން އަދުހަމް ކުރިއަށް ދިޔައެވެ.

ކުޑަދޮރު ކައިރީގައި ހުދު ޓީޝާޓަކައި އެކު އޮތް ރާނީ ފެނިފައި އަދުހަމް ސިއްސައިގެން ދިޔައެވެ. ދަލޭކަގެ އަތަށް ދަމައިގަނެ އަނެއްކޮޅަށް ހަރުކޮށް ހިނގައިގަންނަ މަސައްކަތްކުރިއެވެ.

“ކޮންތާކަށް ދާކަށް އަހަރެން ދޫކޮށްލާ”

އަދުހަމްގެ އަތް ފޮޅުވާލުމަށްފަހު ދަލޭކަ ހުއްޓުނެވެ.

ދަލޭކަގެ ކަންފަތްކައިރީގައި އަދުހަމް ސިއްރުން ބުންޏެވެ.

“އެގޭ ތެރޭގައި އެބަހުރި އަންހެންނެއް، ކީއްކުރަން ދަނީ، އެހެން ވިއްޔާ މަންމަ ބުނެބަލަ ބޭރުން ތަޅުލާފައި ހުރުމުގެ މާނައެއް”

“އެއީ ބައެއް ފިރިހެނުން އެމީހުންގެ އަނބިންނާ އެހެން މީހުން ވާހަކަ ދައްކަން ނޭދޭތީވެ”

ދަލޭކަ ޖަވާބު ދިނެވެ.

ދެއަތް ކުރިއަށް ދަމައިގެން ހުރެ ކުރިއަށްގޮސް ކުޑަދޮރުގެ ދަލޭކަ އަތްލިއެވެ. މަންމަ ހަދާނުހަދާ ބަލަން އަދުހަމް ދުރުގައި މަޑުކުރިއެވެ.

ދަލޭކަ އެދިޔަ ގޮތަށްގޮސް ރާނީގެ މޫނުގައި އަތްކާއްތަން ފެށިއެވެ. ކަރުގެ ދަފަރާތުން ފެށިގެން ދެ ކޯތާފަތްމަތިން ގޮސް ނިއުޅާލާފައިވަ ބޮލުގެ އިސްތަށިގަނޑަށް އަތްކޮށްޕާލިއެވެ.

ހައިރާންކަމާއިއެކު ހަމްދަރުދީން ހިތް ބަނޑުންވެފައިވާ ރާނީ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ބިރުވެސް ގަނެފައެވެ. ލޯފަން މީހަކު އައިސް މޫނުމަތީގައި އަތްކާއްތަންފެށުމުން ކުޑަދޮރާއި ފެއަށް ޖެހިލިއެވެ.

“ކޮށްކޯ ރާނީ އަފޫބިލަ” ހައްދޫމަތީ ބަހުން ކައިރިއަށް އައުމަށް ދަލޭކަ އެދުނެވެ.

“ރީތި ސޫރައެއް ލިބިފައި ހުރި ކުއްޖެއްހެން ހީވޭ، އިސްތަށިގަނޑުވެސް ވަރަށް އޮމާން، ތުންފަތްވެސް ވަރަށް މަޑު”

“ކޮންއިރަކުންތަ ޒަމީލް އަންނަނީ” ދަލޭކަގެ ސުވާލާއި އެކު ބިރުން ތުރުތުރު އަޅާމުންދިޔަ ރާނީވެސް ސުވާލުކުރިއެވެ.

“ތީ ކާކު”

“އަހެރެންމީ ދަލޭކަ، މިއަތޮޅު މީހެއް، ޒަމީލްގެ މަންމަގެ ގާތް އެކުވެރިއެއް، ޒަމީލް ވިހެއީ އަހަރެންގެ އަތްމައްޗަށޭވެސް ބުނެވިދާނެ، ވިހެމުގެ ތެރޭގައި ޒަމީލްގެ މަންމަ ނިޔަވީ، ބައްޕަވެސް ކުޑައިރު ނިޔާވީ، އެސޮރުގެ ބައްޕައަކީ މުދާވެރިއެއްކަމުން އެސޮރަށް މިހާރު އެގޮތަށް އެއުޅެވެނީ”

“ކޮންގޮތަކަށް އުޅެނީ” ދަލޭކަ ދެމުންގެންދިޔަ ތައާރަފް ރާނީ ހުއްޓުވާލިއެވެ.

ދަލޭކަގެ ވާހަކައިގެ މިސްރާބު ހުރިގޮތުން ރާނީ ގަޔާވެލިއެވެ. ރާނީވެސް ދަލޭކަޔައިއެކު އެއްމިސްރާބަކަށް ދީދާލުމަށް ވާހަކަ ހިއްސާކުރަން ފެށިއެވެ. ހީވަނީ ކަނޑުއޮޅިތެރޭން ވަދެގެންދިޔަ ކަންނެލި އޮޑިއެއްގެ މޯހިރުގައި ވަދުދޯންޏެއް އަޅުވާލިހެންނެވެ.

ހިތް ދަތިކަމެއްގައި ހުރި އަންހެނަކާއި ވާހަކަ ހޯދަން އައި އަންހެނަކާއި ދެމެދު އެކަކު އަނެކަކަށް އިތުބާރާއި އެކު ދެކެވޭނެ ހުރިހާ ވައްތަރެއްގެ ވާހަކަތަކެއް ދައްކައިފިއެވެ. އޮލަކޮށް ގިރަފައިހުރި ފޭރުފަނިތައްޓަކަށްވުރެ ވާހަކައިގެ އޮލަވެފައި، މިކްސަރުގައި ފޭރުއޮށްތައް އެނބުރިގަންނަހާ ހަލުވިކޮށް އަނގަތަޅުވައެވެ.

ހިތާމައިގެ ކޯރެއްގައި ފަތަމުންދާ ރާނީގެ އަރުތެރެބެދި ކުޑަކޮށް އަޅައިގަންނަގޮތް ވިއެވެ.

“ފުރަތަމަ ދެރެއަށް ފަހު އަނބި ފިރިކަމުގެ ގުޅުމެއްވެސް ނުހިންގާ ހަމައެކަނި އަންނަނީ މެންދުރުކާން” މާދަރުން ވަށަލައިގެން އައިސް ހުރިހާ ވަހާކަތަކެއް ދެއްކުމަށްފަހު އެހެން ބުނެފައި ރާނީ ފަޅައިގެން ދިޔައެވެ. ގިސްލާން ފެށިއެވެ. ނުދެއްކިހުރި ހުރިހާ ވާހަކައެއް އެއްފަހަރާ އޮއްސާލައިގެން ހިތްހަމަ ޖެހުން ހޯދިއެވެ.

“ތީކީ އެއްވެސް ކަމެއްނޫން ތިކަމުގެ ހައްލު ހިފައިގެން ރަށުން ފުރައިގެން ދައްތަ މިއައީ” އިނގިއްޔެވަރުގެ ދިގުމިނުގެ ހިމަ ތިން މޫކޮޅު ރާނީ އަތަށް ދިއްކޮލިއެވެ. ނިކަގަހުން ފައިބާފަ ހުންނަ ހިމަ އަޅޮލާއި ވައްތަރެވެ.

” ސައިކައްކާއިރު މޫކޮޅެއް ލައިގެން ކައްކާފަ ބޯންދީ ހުރިހާ ކަމެއް ހައްލުވީ.. އިތުބާރުކުރޭ ދައްތައަކީ ލޯފަން މީހެއް ދައްތަވެސް ކައިވެންޏެއްކުރިން ފަހަތުން އެ ފެންނަނީ ހެކި” ފުރާވަރަށް އަޅާފައިހުރި އަދުހަމަށް އިޝަރާތްކޮށް ދަލޭކަ ބުންޏެވެ.

ސުކޫޓަރުގެ ޓަކަޓަކަ އަޑާއި އެކު މުއަމަލާތްތައް ވިއްސިވިހާލިކޮށްލިއެވެ.

“އެ އައީ”

ރާނީ މިހެން ބުނުމާއިއެކު އަދުހަމް ދުވެފައި އައިސް ދަލޭކަގެ އަތުގައި ހިފައިގެން ހަރުކޮށް ހިނގާފައި ގޮސް ގަހެއްގެ އަނެއް ފަރާތަށް ބޮނދައިފިއެވެ. ވެއްޓިފައިވާ ފަންތޮށިތަކުންނާއި މޫތަކުން ސަލާމަތްވެގެން ބޮދަމުން ބޮދަމުން ގޮސް އަލިގަނޑަށް ނިކުމެ ދެމައިން ރައްކާވިއެވެ.

” މިއަދު މަށަށް ނުކައްކަނީތަ” ހިތްހަމަ ނުޖެހުމާއިއެކު މޫނު ރަތްކޮށްގެން ޒަމީލް ކޮޓަރި ތެރެއަށް ވަދެގެން އައިއިރު، ރާނީ މުށުތެރޭގައި އޮތް މޫކޮޅު ފޮރުވަމުން ޒަމީލާ ދިމާއަށް އެނބުރުނެވެ.

” ބޮލުގަ ރިއްސާތީ އެއްވެސް ކަމެއް ނުކުރެވިގެން މިއުޅެނީ” ރާނީ ދެރަވެލިއެވެ.

” މިގޭގަ ބޭސް ނެތީތަ، ތިހެން ހުރީމަ ރަނގަޅުކޮށްދޭން އަންނަނީ އަހަރެންގެ ބައްޕަތަ” އެހެން ބުނެފައި ތުވާލި އަނދެގެން ޒަމީލް ވަނީ ފެންވަރާށެވެ.

ބަތްތަވާ ކެކެމުންދައިރު ފެންކުރާވެސް ކެކެމުންދެއެވެ. މޫކޮޅު ނަގާފައި ރާނީ ވަސްބަލާލީއެވެ.

“އެއްވެސް ވަހެއް ނުދުވާ، ހަމަ ލާންވީބާ” ރާނީ ހިތަށް އެރިއެވެ.

” އަދިވެސް ނުކެކޭތަ” ގަމީހުގެ އަތްކުރިއޮޅަމުން ޒަމީލް އައިސް ރާނީގެ ފުރަގަހުގައި ހުޓުނެވެ.

“ގެނޭ ސައިތަށި މަށެއް މިއަދު ނުކާނަން ތިކަމެއް ނުވިއެއްނުން” ރުޅިގަދަވެފައިވާ ޒަމީލް ބަލާލުމާއި އެކު ރާނީ ވިރިގަތްކަހަލައެވެ. ފުރިފައިހުރި ފެންކުރާ ޖޯޑަށް އޮސަމުން ދިޔައިރު ރާނީ ތުރުތުރުއަޅައެވެ. ޒަމީލް ސައިތަށީގައި ތުން ޖަހާލިއެވެ. ރާނީ ލޯމަރާލައި ފުންނޭވައެއް ލިއެވެ. ހުރިހާކަމެއް ވަންހަނާވުމަށް ހިތުން ދުޢާކޮށްލިއެވެ.

” ފީ ރަހަ ލަނީ މީ ކޯޗެއް، ކަލޭ މަށަށް މާ ބަލާބޮޑުކުރަން ނޫޅެއްޗޭ” ސައި ޖޯޑު ތުމުން ނައްޓާލުމަށްފަހު ޒަމީލް ހަޅޭއްލަވައިގަތެވެ. އަތްމައްޗަށް ނަގާ ހޫރާލީ ޖޯޑުގޮސް ތަޅުންމަތީގައި ޖެހި ކުދިކުދިވެގެން ދިޔައިރު ހީވީ ގޮނޑުދޮށު ކެޔޮޅަކު ކަންވާރުގައި އެއްގަމަށް އެރުވި ފިލޮޅެއް ކުރިމައްޗަށް ދަމާފައި ބިންމައްޗަށް ތަރަކޮށްލިހެންނެވެ.

ރަތްމަހަށް ނުދޭވަރަށް ހިތުހުރިހާ އެއްޗެއް ގޮވުމަށްފަހު  ޒަމީލް ގެއިން ނިކުމެގެން ދިޔައިރު ބޯމަތީގައި ދެއަތް ބާއްވައިގެން ހުރި ރާނީ ވިޔަރިއެރިއެވެ. ވިޔަރިގަނޑާއި އެކު ފެންކުރާ ހިފައިގެން ގޮސް ކުޑަދޮރު ކައިރީގައި ހުޓިފައި އަތުކޮޅަށް ދަމާފައި ކުރިމަތީގައި އޮތް ފެންގަނޑަށް ހޫރާލިއެވެ. ކޫރާ ޖެހުމާއިކު ކޯރު ތެރޭގައި އޮތް ފެންހަރުފަ ސިއްސައިގެން ގޮސް ފަރިގޮތަށް ބަނޑި ބަނޑި ލައްވާލިއެވެ. އިރު އޮއްސުނީއެވެ.

އިރުއޮއްސުމާއިއެކު ބަރަވެލި ހިރޭ އަޑުފިޔަވައި އިތުރު އަޑެއް ގޭކައިރިން ނީވެއެވެ. ވަރުބަލިވެފައިވާ ރާނީ ނިދަން އޮށޯތީ އުންމީދާއި އެކު އެވެ. ޒަމީލް  ހަމަމަގަށް އެޅި ރާނީއާއި އެކު ލޯބިން އެކުގައި ނިދަލާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދެބަ ދޭތެރޭގައި އޮއްވާ ކުއްލިއަކަށް ސިއްސުވާލީ ޕައްކިޔާފައި އަޑެއް އިވުމުންނެވެ.

“މަންމާ” ރާނީ ދެލޯ ފޮހެލިއެވެ. މޭގަނޑު އަތަށް އައިސްފައި އޮތް ރާނީ ފުންމައިގެން ތެދުވިއިރު ކޮޓަރިތެރޭގައި ޒަމީލް ގާމީސް ބާލަނީއެވެ.

“ޒަމީލް….” ރާނީ ހައިރާންކަމާއި އެކު ގޮވާލިއެވެ.

ޒާމީލް އައިގޮތަށް އައިސް ރާނީ ގައިގާ ބައްދާލިއެވެ. ވާހަކަ ދައްކާނެ އިތުރު ފުރުސަތެއް ނުދީ، ޝަހުވަތުގެ ކޯރެއްގައި ދެމީހުން ގެނބި ހުސްވީއެވެ. ގިނަ ދުވަސްތަކަކަށް ފަހު ރާނީގެ ހުރިހާ “އެދުމެއް” އެއްފަހަރާ ހާސިލްވީއެވެ. ވަރުބަލިކަމާއިއެކު ހެއްދެވިގޮތަށް އޮވެ ނިދުނީއެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. އެއަށްފަހު މަހެއް ވީއެވެ. ކޮންމެ ރެއަކު އޯގަތެރިކަމާއިއެކު ޒަމީލް އައިސް ރާނީއާއި އެކު ލޯބިން ދެމަފިރިން ކުރާނެ ހުރިހާ ކަމެއްކޮށްފައި ލޯބި ދިނުމަށްފަހު ރާނީ އަށް ނިދުނީމައި އެއުޅޭ ތަނަކަށް ދަނީއެވެ. މެންދުރު ކާން އަންނައިރު މީހާ ހުންނަނީ މުޅިން ބަދަލުވެފައެވެ. އިހު ހުރިހެންނެވެ. ރުންކުރުވެފައެވެ. ހިކިއަމުރު ކުރުން ނޫން އެހެން ކަމެއް ޒަމީލަކަށް ލިބިފައެއް ނުވެއެވެ. މިއީ އަރަތެއްކަހަލަ ކަމެކެވެ.

………………………….

މެންދުރުގެ ދިލަހޫނުގައި މޭޒުކައިރީގައި ޒަމީލް އިނީ ބަތްގުޅަ އަނގަޔަށް ލާށެވެ.

” އަހަރެން ޑޮކްޓަރަށް ދައްކަން ބޭނުން، އަހަރެން ބަނޑުބޮޑު” ރާނީ ބަނޑުގައި އަތް އަޅާލިއެވެ.

ޒަމީލް ކެކިގަތްއިރު ހީވީ މަތިބަނދުކޮށްފައި އުދާފައިހުރި ފެންއެއްޗެއް އުނދުން ތެރެއަށް ބަންޑުންވިހެންނެވެ. ފުންމައިގެން ތެދުވެ ކުކުޅަކަށް ހާލެއް ބިސްދޭން އުޅޭހެން ރާނީގެ ފުރަގަހުން ލެފިފައި އިސްތަށިގަނޑު އަތަށް އޮޅާލިއެވެ.

” ކިހާ ބޮޑު ބަލާ…އް” ޒަމީލް ފެލިގަތެވެ. ފެލިގަތްގަތީނުން ފެންގަނޑު ކައިރީގައި ފުމެމުން ދިޔަ މެންދުރު ކާޅުތައްވެސް ކުއްލިހާލަތަށް އައިސް ވަރަ ތަޅުވައިގަތެވެ.

” ބުނޭ! ކާކު ކަލޭކައިރިއަށް އައީ، ކާކުހޭ ކަލެއާ ބެހުނީ، މިހިރަ އެތި..ރާ، ކާކުހޭ” ޒަމީލް މޮޔަވިކަހަލައެވެ.

“ނުބުނެފިއްޔާ މިއޮތްފެންގަޑަށް ގަންބާނަން”

“ޒަމީލެއްނޫންތަ ކޮންމެ ރެޔަކު އަހަރެން ކައިރިއަށް އައިސް ތިކުރިކަމެއް ކުރީ” ރާނީ ރޯން ފެށިއެވެ.

އިސްތަށިގަނޑުގައި ހިފައިގެން ގުޅަވަރަކަށް ގެންގޮސް އެނދުމައްޗަށް ޖެހިއެވެ. ރާނީ ހޭނެތުނެވެ.

” އަދި އަހަރެން ބޮލުގަ އެބަ އަޅުވައެއްނުން…… ދެންއޮވޭ ކުޅިދައްކާލާނަން ޕެޓްރޯލް އަޅާފައި ގޭގައި ރޯކޮށްލާނަން، ނުތެދުވާތި” ހަބަރު ހުސްވެފައިވާ ރާނީއާއި ދިމާއަށް ހަޅޭއްފަޅޭއް ޖަހަމުން ޒަމީލް ނިކުތެވެ. އިރުއޮއްސުނީ ރާނީ އެއޮތްގޮތަށް އޮއްވައިއެވެ.

ރޭގަނޑުގެ ފިނިކަން ވަށާލެވިފައިވާއިރު އެނދުހުރަހަށް ދެމިފައި އޮތް ރާނީ ލޯ ހުޅުވަލިއެވެ. ރާނީގެ ބޯ އޮތީ ޒަމީލްގެ އުނގުގައެވެ. ހުސްގަޔާ އިން ޒަމީލް ރާނީގެ ބޮލުގައި މަޑުމަޑުން އޯގާތެރިކަމާއި އެކު ފިރުމަމުން ދެއެވެ. ސީލިންގުގައި އަޅާފައި ހުރި ފަތިތަކާއި ދިމަ ރާނީ ބަލަން އޮތްއިރު، ކޯމަތީގައި އެޅިފައި ހުރި ވަކިތަކުގެ ނިޝާންތަކުގައި ޒަމީލްގެ އިނގިލިތައް ހުއްޓާލިއެވެ. ބޯގުދުކޮށްލާފައި ރާނީގެ މޫނާއި ޒަމީލްގެ މޫނު ކައިރިކޮށްލިއެވެ. އަނިޔާކުރެވުނީތީ ސޮރީއެވެ. ފެންކަޅިވެފައިވާ ޒަމީލްގެ ލޮލުން ސޮރީއޭ ބުނާ ކަހަލަ އިހުސާސެއް ރާނީއަށް ވިއެވެ. ދެމީހުންގެ ޖަޒްބާތީ ސިގްނަލްތައް މެދުކަނޑާލީ ކޮޓަރިތެރެއަށް މީހަކު ވަނުމުންނެވެ. ބަޑިއެއް ޖެހިހެން ކުއްލިއަކަށް ކޮޓަރިތެރެއަށް ވަދެގެން އައިސް ހަޅޭއް ލަވައިގަތެވެ. ކުރިމަތީގައި ކޮޅަށް ހުރީ ޒަމީލެވެ.

“ހަބަރުދާރު އިންތަނުން ގުޑާވެސް ނުލާތި” ޒަމީލް އިންޒާރު ކުރިއެވެ. ރާނީ ދެމީހުންގެ މޫނަށް ބަލާލިއެވެ. އެއީވެސް ޒަމީލެވެ. މިއީވެސް ޒަމީލެވެ. އެނދުމަތީގައި އިނީ ގަމީސް ނުލާ އިން ޒަމީލެވެ. ކޮޅަށް ދެލޯ ދޮންކޮށްފައި ހުރި އަނގުރު ގަނޑެއްހެން ހަދައިގެން ހުރީ އަތްދިގު ގަމީހެއް ލައިގެންހުރި ޒަމީލެވެ. އެއީ މެންދުރުގެ ޒަމީލެވެ.

ޒަމީލް ފުންމައިގެން ދިޔަގޮތަށްގޮސް އެނދުމައްޗަށް އަރާފައި ހުސްގަޔާ އިން ފިރިހެނާގެ ކަރުގައި ހިފިއެވެ. ރާނީގެ ބޮލުގައި ފައިން ލެޑިއެވެ. ފަންވަރު ނަގާފައި ޒަމީލްގޮސް ދެއަތުން ކަރަށް ބާރުކޮށްލައިގެން އެނދުމަތީގައި ހުސްގަޔާ އިން މީހާ ވައްޓާލައި މޫނު ވަތަށް ޖެހިއެވެ. ބުރަކަށިމަތީގައި ދެފައި ދެފަރާތަށްލައިގެން އީށިންދެއިނދެ ދެއަތުން ކަރަށް ފިތޭ އެންމެ ބާރަށް ފިތާލިއެވެ. ފާޑަކަށް ކަރުކެހޭ އަޑުތަކެއް ނެރުމަށްފަހު އެ ފިރެހެން މީހާ ދެމިގަތީ ޒަމީލްގެ ފައި ދޭތެރެއިން ފެންހަރުފަޔަކަށް ބަދަލުވެގެންނެވެ. ބަލަބަލާ ހުއްޓާ ދޮރުދޮށުން ދެމިގަނެގެން ޒަމީލްގެ މޫނަށް ކުޅުޖެހުމަށްފަހު ހަރުފަ ރައްކާވިއެވެ. އެއީ ނަރަކަ ފެންގަޑުގައި އޮންނަ ފެންހަރުފައެވެ.

ރާނީގެ މެޔަށް ހީވީ ހޫނު ފެންއެއްޗެއް އަޅާލިހެންނެވެ. ރޭކާލައިފިއެވެ. މޫ އަޅައިގެން ކެއްކި ސައިގެ ބާރު ފިސާރި ގަދައެވެ. އޭގެ އަސަރު މުޅި ފެންގަޑަށް ކުރީއެވެ. ހިތަށް ސިފަވާން ފެށީ އާވި އަރައަރާ ހުރި ފެންކުރާ ފެންތަކާއި އެކު ގޮސް ފެންގަޑަށް ގެނބުނު ތަނެވެ. އެވަގުތު ސިއްސައިގެން ގޮސް ހަރުފަ ބަނޑިބަނޑި ލައްވާލި މަންޒަރެވެ. ރާނީގެ ހިތަށް އެމަންޒަރު ވެރިވެގަންނަގަތުން ޓީވީއަކުން ދައްކާނަމަ ހީވާނީ ބަލާޖީގެ ޑްރާމާ ސީރީޒެއްގެ އެޕިސޮޑެއް ނިންމަލާގަޑީގައި ޗީސް ޗީސް އަޑާއި އެކު މޭކްޕަ ކޮށްފައި ތިބި އަންހެންވެރިންގެ ރުޅިވެރި މޫނުތަކުން ފަހަރަކު މީހެއްގެ މޫނުން ސްކްރީން ފުރާލާ މަންޒަރުހެންނެވެ.

” ހުމް…. އަހަރެން ރޭގަނޑު އެހެން އަންހެނުން ކައިރީގައި…. އަހަރެންގެ އަންހުންގެ ބޭނުންހިފާލީ ތަނެއްގަ އޮތް މިލަ ހަރުފައެއް” ހަރުފައިގެ ވިހައިގެ އަސަރާއި އެކު ފިނިވެފައި އިން ޒަމީލްގެ އަޑު ބޭރުވިއެވެ. މީހާ ދުޅަވާން ފެށިއެވެ. ގަބުއަރާފައި އޮތް ރާނީ ފުންނޭވާއެއްލިއެވެ. ކަންނޭލުގައި ބައްދާލައިގެން ފުރަގަހަށް އެނބުރުނެވެ.

” ދުވާލުގަޑީގައި ފެންގަނޑު ތެރޭގައި އޮވެ ފޫހިފިލުވައިދޭ ބައިވެރިޔާ ފުރަދަންވަރުގައި އަހަރެންގެ ފިރިމީހާގެ ސޫރަގައި އައިސް ލޯބީގެ ގުޅުން ހިންގީ، ލޯބީގެ ބާރަކީ ވަކިމީހަކަށް އޮތް ކަމެއްނޫން، ކިހާ އޯގާތެރި އަހަރެންނަކީ ހަމަ އަސްލު ރާނީ” ކަންނެޔޮ ހޫރާލާފައި ރާނީ ތެދުވެފައި ހިނގައިތަވެ. ގެއިން ބޭރަށް ނިކުމެ އަނގަހަލުވިކޮށް ފަތިވަރުތައް އަމުނަން ފެށިއެވެ. ރާނީ ހުރީ މޮޔަވެފައެވެ.

“ރާނީއަކީ ނަމެއް، މަޤާމެއް، މީ ރާނީ ކަލޭ އަހަންނަށް ނަމަކަށް ވީތީ އެނަން ކިޔާ، އެކަމު ހަރުފަ އެދިނީ އަހަންނަން މަޤާމެއް އެއީ ފެންގަނޑުގެ ރަސްގެފާނު.. އަހަރެންމީ އެތަނުގެ ރާނީ… ހަމަ ރާނީ… ދެން ކަލޭ ދޭ… ކަލޭ ދޭ، މީ ރާނީ މީރާނީ ރަދުންގެ ރާނީ.. ކިންގ ކޯބަރާ، މިއޮތީ ދަރިފުޅުގެ ބައްޕަ، ބައްޕަ، ކަލޭ ނާންނާތި ނާންނާތި ދަނީ މިދަނީ ހުވަދޫކަނޑަށް، އުހުން ރަށަށް ކާށިދޫކަނޑަށް” ކަރުތާ ފެނަށްއެރުނުތަނާ ފެންގަޑުތެރެއަށް ބަންޑުން ރާނީ ވެއްޓުނެވެ. ކަނުއަދިރީގައި ރާނީގެ ފުރާނެނެތް މަސްގަނޑު އަޑިއަށްދިޔައިރު ހަރުފައިގެ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ފެންމަތީގައި ހުއްޓުން އަރާފައި އޮތް ފަތްމައްޗަށެވެ. (ނިމުނީ)